01 Jun 2012, 15:12
އަނިޔާގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތަށްދާ އިނގިރޭސި ގައުމީ ޓީމުން ފްރޭންކް ލަމްޕާޑް ބާކީކޮށްފި އެވެ.
އޭނާގެ ބަދަލުގައި ޓީމަށް ނަގާނީ ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ޖޯޑަން ހެންޑަސަނެވެ.
އިނގިރޭސި ކޯޗު ރޯއި ހޮޑްސަން ބުނީ ލަމްޕާޑް ޓީމުން ވަކިކުރަން ޖެހުނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޔޫރޯގެ ގްރޫޕް ފިޔަވަހީގެ އެއްވެސް މެޗެއް ނުކުޅެވޭނެކަން ކަށަވަރުވުމުން ކަމަށެވެ.
ހޮޑްސަން ބުނީ ތަޖުރިބާކާރު ކުޅުންތެރިއަކު އުނިކުރަން ޖެހުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ލަމްޕާޑާމެދު އޭނާ ހިތާމަ ކުރާ ކަމަށެވެ.
މިފަހަރުގެ މުބާރާތަކީ 33 އަހަރުގެ ޗެލްސީގެ ވައިސް ކެޕްޓަނަށް ބޮޑު މުބާރާތެއްގައި އިނގިރޭސި ޓީމަށް ކުޅެން ލިބޭނެ ފަހު ފުރުސަތުކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން އޭނާ ޓީމުން ބޭރުކުރިއިރު ގެރެތް ބެރީ ވެސް ވަނީ އަނިޔާގެ ސަބަބުން ޓީމުން ބާކީކޮށްފަ އެވެ. މިހެންވެ ކެޕްޓަން ސްޓީވަން ޖެރާޑާއެކު މެދުތެރެއަށް ކުޅެން މިހާރު ހުރީ ސްކޮޓް ޕާކާ އެވެ.