މިއަހަރަށް ކަނޑައަޅާފައިވާ މިސްކިތު ފަންޑުން އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް 1.5 މިލިއަން ރުފިޔާ ހޭދަކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރު ތެރޭ އައްޑޫ ސިޓީގެ 68 މިސްކިތެއް މަރާމާތުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، އެ ސިޓީގެ ކައުންސިލް މެދުވެރިކޮށް އެ މިސްކިތްތައް މަރާމާތުކުރުމަށް މިއަހަރުގެ މިސްކިތު ފަންޑުން 1.5 މިލިއަން ރުފިޔާ ޚަރަދު ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، މިއީ މިހާތަނަށް އެ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަކަމަށެވެ.

މީގެއިތުރުން، އައްޑޫ ސިޓީގެ އިސްލާމިކް ސެންޓަރު މަސައްކަތް އަވަސްކޮށް 2025 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޝަހީމް އެހެން ވިދާޅުވިއިރު، އޭނާ ހުންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު، އައްޑޫގައެވެ.

ރައީސް މިއަދު ފެއްޓެވި ފަސް ދުވަހުގެ ދަތުރުފުޅުގައި އައްޑު އަތޮޅަށާއި، ފުވައްމުލަކަށާއި ގއ.ގެ ބައެއް ރަށްތަކަށާއި ގދ.ގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެއެވެ.