ދިވެހި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ހިންގުމުގެ ފައިދާ 2010 ވަނަ އަހަރަށް ވުރެ 72 ޕަސެންޓަށް އިތުރުވެ ބޭންކުގެ ހިންގުމުގެ ފައިދާ 519 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ބީއެމްއެލް އަށް 2010 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 302 މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން ބޭންކުގެ މިދިޔަ އަހަރުގެ ހިންގުމުގެ ފައިދާ އަށް ލިބުނު 519 މިލިއަން ރުފިޔާއަކީ 2010 ވަނަ އަހަރާއަޅާބަލާ އިރު 217 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ބީއެމްއެލް އިން ބުނީ މިދިޔަ އަހަރަކީ ބޭންކުގެ ހިންގުމުގެ ފައިދާ "ރެކޯޑް މިނަވްރަކަށް އިތުރުވި" ފަހަރެއް ކަމަށެވެ.

ބޭންކަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރު ވަނީ އެއް ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ދެހާސް ދިހަ ވަނަ އަހަރު ނިމުނު އިރު ބީއެމްއެލްގެ އާމްދަނީ އުޅުނީ 830 މިލިއަން ރުފިޔާގަ އެވެ. އަދި މި އަހަރު އެ އަދަދު ވަނީ 1.1 ބިލިއަން ރުފިޔާ އަށް މައްޗަށް ޖެހިފަ އެވެ. އެއީ 30 ޕަސެންޓްގެ ކުރިއެރުމެކެވެ. ބޭންކުން މިއީ ވެސް އެ ބޭންކުގެ 30 އަހަރުގެ ތާރީހުގައި ކާމިޔާބު ކުރެވުނު ރެކޯޑެއް ކަމަށެވެ.

ބޭންކްގެ ހިންގުމުގެ ފައިދާ އާއި އާމްދަނީ ރަނގަޅުވެފައިވީ ނަމަވެސް ނުދައްކާ ހުރި ލޯނުތަކަށް އެމްއެމްއޭގެ ގައިވާއިދާ އެއްގޮތަށް 511.5 މިލިއަން ރުފިޔާ ޕްރޮވިޝަންގެ ގޮތުގައި ކެނޑުމުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބުނެވެ.

އެމްއެމްއޭގެ ގަވާއިދާ އެއްގޮތަށް ޕްރޮވިޝަން ހަދަން ފެށީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެންނެވެ. ދެހާސް ދިހަ ވަނަ އަހަރު ބެންކަށް 50.9 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައިލިބުނެވެ.

ހިއްސާގެ ބާޒާރުގައި ބީއެމްއެލްގެ ހިއްސާގެ މުއާމަލާތްތައް މިދިޔަ އަހަރު ހިންގިއަސް، އެ ކުންފުނިން ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި އެއްޗެއް ބެހޭ ގޮތެއްނުވި އެވެ.

އަހަރީ ރިޕޯޓުގައި ބީއެމްއެލްގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ވެސް ވަނީ ނުދައްކާ ހުރި ލޯނުތަކުން ސަލާމަތް ވުމަށް ބޭންކަށް ޖެހިފައިވާކަން ފާހަގަ ކުރައްވައި މި ހިނގާ އަހަރު އެކަމުން ސަލާމަތްވާނެ ކަމުގެ އުންމީދު ބޮޑުކަމަށް ވިދާޅުވެފަ އެވެ. ބޭންކުގެ އެމްޑީ ޕީޓާ ހޯޓަން ވެސް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރިޕޯޓުގައިވާ ގޮތުން ފައިސާ ނުލިބި ހުރި ލޯނުތަކުގެ ޕްރޮވިޝަން ކަނޑައެޅި އަދަދު 1.390 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓް އިއްޔެ އާންމު ކުރި އިރު ރިޕޯޓް ކަނޑައެޅިފައިވާ ދުވަހަށް އާންމު ނުކޮށްގެން އެ ކުންފުނި ވަނީ 30،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ހިސާބުތައް އާންމު ނުކޮށްގެން ވެސް އެ ބޭންކު ވަނީ 10،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.