އިސްލާމް އާބާދު (18 ފެބްރުއަރީ 2024) : ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާންގެ ވެރިކަން ޕާލަމެންޓްގެ ތެރެއިން ވައްޓާލީ އެ ގައުމުގެ ސިފައިންގެ މުއައްސަސާ (އަސްކަރިއްޔާ) އަޑީގައި އޮވެގެންކަމަށް އެކަމުގައި އަމަލީގޮތުން ބައިވެރިވި ޕާކިސްތާނުގެ ސިޔާސީ ލީޑަރެއްކަމަށްވާ މައުލާނާ ފަޟްލުއްރަހްމާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއްކަމަށްވާ "ޖަމްއިއްޔަތު އުލަމާއުލް އިސްލާމް" ގެ ރައީސް މައުލާނާ ފަޟްލުއްރަހްމާން މިކަމަށް އިއުތިރާފްވެވަޑައިގެން އަދި ސިފައިން ބޭޒާރު ކުރައްވައި ވާހަކަ ދައްކަވާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައެވެ.

މައުލާނާ ފަޟްލުއްރަހްމާން ވިދާޅުވިގޮތުގައި ޕާލަމެންޓްގައި އިމްރާންޚާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނައިގެން 2022 ވަނަ އަހަރު އިމްރާންޚާންގެ ވެރިކަން ވައްޓާލުމަށް ސިޔާސީ ޕާޓީތަކަށް އަންގަވައި އަދި ސިޔާސީ ޕާޓީތައް ލައްވައި އެކަން ތަންފީޒުކުރެއްވީ އޭރު ޕާކިސްތާން ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ޖެނެރަލް ގަމަރު ޖާވިދު ބަޖްވާއެވެ.

މައުލާނާ ފަޟްލުއްރަހްމާން ވިދާޅުވިގޮތުގައި ޕާކިސްތާނުގެ އަސްކަރިއްޔާ އިމްރާންޚާން ދެކެ ނުރުހުންވި މައިގަނޑު ސަބަބަކީ ޕާކިސްތާނުގެ ބަޖެޓްގައި ސިފައިންނަށް ދޭ ބަޖެޓް ކުޑަކޮށް އޭގެބަދަލުގައި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާއި ތަރައްގީގެ ކަންކަމަށް ކުރާ ޚަރަދު ބޮޑުކުރުމަށް އިމްރާންޚާން ނިންމެވުމެވެ. ދެވަނަ ސަބަބަކީ ސިފައިން ބޭނުންވާގޮތް ނޫންގޮތަށް އިމްރާންޚާން ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމެވެ.

މީގެ ތެރޭގައި އެމެރިކާގެ ގިނަ އެދުންތަކަކަށް ދިލާލުމަށް އިމްރާންޚާން ދެކޮޅު ހެއްދެވުމާއި ރަޝިއާއާ ގާތްވުމުގެ ސިޔާސަތެއް އިމްރާންޚާން ގެންގުޅުއްވަން ފެއްޓެވުން ހިމެނެއެވެ.

މައުލާނާ ފަމްލުއްރަހްމާން

މައުލާނާ ފަޟްލުއްރަހްމާން ވިދާޅުވިގޮތުގައި އިމްރާންޚާންގެ ވެރިކަން ވައްޓާލުމަށް ޓަކައި ޕާކިސްތާނުގެ އެންމެ ވާދަވެރި އަދި އެންމެ ހަތުރުވެރި ސިޔާސީ ބޮޑު ދެ ޕާޓީކަމަށްވާ، ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާއި ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެމްއެން) އެއްގަލަކަށް އެރުވީ ޖެނެރަލް ގަމަރު ޖާވިދުއެވެ. އޭނާ އަޑީގައި ހުންނަވައިގެންނެވެ. މި ދެ ޕާޓީ އެކުވެގެން ކޯލިޝަނެއް އުފައްދައި އެ ކޯލިޝަންގައި އެހެން ކުދި ޕާޓީތައް ބައިވެރިކުރުވީ ވެސް ޖެނެރަލް ގަމަރު ޖާވިދުގެ އަމުރުފުޅަށެވެ.

މި ގޮތަށް އިމްރާންޚާންގެ ވެރިކަން ނުހައްގުން ވައްޓާލުމަށް ހެދި ކޯލިޝަންގައި އޭނާގެ ޕާޓީކަމަށްވާ "ޖަމްއިއްޔަތު އުލަމާއުލް އިސްލާމް" ވެސް ބައިވެރިވިކަމަށާއި އެކަން ކުރެވުނީތީ މިހާރު އެކަމާމެދު ހިތާމަކުރައްވާކަމަށް މައުލާނާ ފަޟްލުއްރަހްމާން ވިދާޅުވިއެވެ.

އިމްރާންޚާން ވަނީ އޭނާ ވެރިކަމުން ދުރުކުރުމުގެ ފަހަތުގައިވަނީ ޕާކިސްތާން ސިފައިންގެ މުއައްސަސާ ކަމަށާއި އެކަމުގައި އެމެރިކާގެ ދައުރެއް އޮތްކަމަށްވެސް އެ ދުވަސްވަރު ތުހުމަތު ކުރައްވާފައެވެ. އިމްރާންޚާންގެ މި ތުހުމަތުތަކާއެކު ޕާކިސްތާނުގެ ސިޔާސީ މަސްރަހުން އިމްރާންޚާން އާއި އޭނާގެ ޕާޓީ ކަމަށްވާ ޕާކިސްތާން ތަހްރީކޭ އިންސާފު ޕާޓީ (ޕީޓީއައި) އެއްފަރާތް ކުރުމަށް ޓަކައި ކުރެވުނު މަސައްކަތްތަކުގެ ފަހަތުގައިވާކަމަށް އިމްރާންޚާންގެ ސަޕޯޓަރުން ދެކެނީ ސިފައިންގެ މުއައްސަސާއެވެ.

ޕާކިސްތާނުގެ ސިޔާސީ މަސްރަހުން އިމްރާންޚާން އާއި އޭނާގެ ޕާޓީ އެއްފަރާތް ކުރުމަށްޓަކައި އެތައް ދައުވާތަކެއް އިމްރާންޚާންގެ މައްޗަށާއި އޭނާގެ ޕާޓީގެ އިސްބޭފުޅުންގެ މައްޗަށް ކުރެވުނެވެ. އަދި މީގެތެރެއިން ތިން ދައުވާއެއް އިމްރާން ޚާންގެ މައްޗަށް ސާބިތުވުމާއެކު މި މަހު ބޭއްވި އާންމު އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު އިމްޜާންޚާން އާއި އޭނާގެ ޕާޓީއަށްވަނީ ގެއްލިފައެވެ. މިއީ އަސާސެއްނެތް ދައުވާތަކެއްކަމަށް ވާތީ ސްޕްރީމް ކޯޓުގައި ކުރާ އިސްތިއުނާފުން އިމްރާންޚާން ސަލާމަތްވެވަޑައިގަންނަވާނެ ކަމަށް އޭނާ ގާނޫނީ ޓީމުން ދެކެއެވެ.

އަނެއްކޮޅުން އިމްރާންޚާން އެއް ފަރާތް ކުރުމަށްފަހު ބޭއްވި އިންތިޚާބުގެ ނުރަސްމީ ނަތީޖާ ދެއްކިގޮތުން އިންތިޚާބުގައި ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބަށް ނުކުންނެވި އިމްރާން ޚާންގެ ޕާޓީގެ މެންބަރުންނެވެ. އިންތިޚާބު ބޭއްވިތާ 10 ދުވަސްވެފައިވާއިރުވެސް ރަސްމީ ނަތީޖާ ނެރުމަށް ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ އިދާރާ ވަނީ ފަސްޖެހިފައެވެ.

އިމްރާންޚާންގެ ސަޕޯޓަރުން ދެކޭގޮތުގައި ރަސްމީ ނަތީޖާ ނެރުން ލަސްކުރަނީ ސިފައިންނާއި އިންތިޚާބުތަކާބެހޭ އިދާރާ ގުޅިގެން ނަތީޖާ އޮޅުވާލުމުގެ ކަންތައްތަކެއް ކުރިޔަށް ގެންދާތީއެވެ. މި ތުހުމަތުތައް ކުރެވިފައިވަނިކޮށް ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ އިދާރާގެ މަސްއޫލުވެރިއަކު އިއްޔެ ވަނީ ވޯޓު އޮޅުވާލިކަން ކަށަވަރުކޮށް ދެއްވާފައެވެ.

އޭނާ ވިދާޅުވިގޮތުގައި ސިފައިންނާއި އިންތިޚާބުތަކާ ބެހޭ އިދާރާ ގުޅިގެން 13 ކެންޑިޑޭޓެއްގެ ނަތީޖާ ވަނީ ބަދަލުކޮށްފައެވެ. މިއީ 70 ހާސް މީހުންގެ ވޯޓު އޮޅުވާލުމެއް ކަމަށް ސިފަކުރައްވަމުން މިއޮޅުވާލުމުގައި އަމަލީގޮތުން ބައިވެރިވިކަމަށާއި މިއާއެކު މަގާމުން އިސްތިއުފާދީ އެކަން ފުލުހުންނަށް ރިޕޯޓް ކުރާނެކަމަށް އެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އިމްރާންޚާންގެ ވެރިކަން ޕާލަމެންޓްގެ ތެރެއިން ވައްޓާލީ ސިފައިން އަޑީގައި ތިބެގެންކަމަށް ވިދާޅުވެ ޕާކިސްތާނުގެ މަޝްހޫރު އަދި ނުފޫޒުގަދަ ސިޔާސީ ލީޑަރެއްކަމަށްވާ މައުލާނާ ފަޟްލުއްރަހްމާން ވާހަކަ ދެއްކެވުމުން ޕާކިސްތާނުގެ ސިފައިންނަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް މުރާސިލުން ބުނެއެވެ.

ސިފައިންގެ އަމުރަށް އެކަންކުރުމުގައި ބައިވެރިވި އިސްބޭފުޅަކު އެކަން ފަޅާއަރުވާލުމުން ސިފައިންގެ އަގުމިވަނީ އިތުރަށް ވެއްޓިފައިކަންވެސް މުރާސިލުން ފާހަގަ ކުރެއެވެ.

އަނެއްކޮޅުން މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި ޕާކިސްތާނުގެ އާންމު އިންތިޚާބަށް ބާރާއި ނުފޫޒު ފޯރުވައި އަދި އެ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމުގެ އަޑީގައިވެސް އޮތީ ޕާކިސްތާނުގެ އަސްކަރިއްޔާ ކަމަށް ތުކުރެވޭއިރު ޕާކިސްތާނުގެ އާންމުން މިހާރުވަނީ އަސްކަރިއްޔާއާ ދެކޮޅަށް ފާޅުގައި ނުރުހުމުގެ ބަސްތައް ބޭނުންކުރަން ފަށާފައެވެ. މި ގޮތުން ސިފައިންނަކީ މުޖްރިމުން ކަމަށް ސިފަކޮށް އިމްރާންޚާނަށް ތާއީދުކުރާ އާންމުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.

ކުރިން ޕާކިސްތާނުގެ އާންމުންނަށް ސިފައިންނާ ދެކޮޅަށް މި ބާވަތުގެ ބަދުބަސްތައް ރައްދުކުރާކަށް އެއްގޮތަކަށްވެސް ނުކުރެއެވެ. ކުރިން ސިފައިންނަށް ކުރި އިހުތިރާމުގެ ވަރަށް ބޮޑުބައެއް މިހާރު ގެއްލިފައިވާކަމަށް ޕާކިސްތާނުގެ މުހައްލިލުން ދެކެވަޑައިގަންނަވައެވެ. ސަބަބަކީ ސިފައިން އަޑީގައި ތިބެގެން އިމްރާންޚާނަށް ހަދާލިގޮތެވެ.

މީގެ އިތުރުން މި މަހުގެ އަށެއްގައި ބޭއްވި ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ސިފައިން މަސައްކަތް ކުރި ކަމަށް ކުރެވޭ ތުހުމަތުތަކަކީވެސް ސިފައިންނާމެދު އާންމުންގެ ރުޅިވެރިކަން އިންތިހާއަށް މައްޗަށް ދިޔަ ސަބަބެކެވެ.

އަނެއްކޮޅުން އިމްރާންޚާންގެ ބަދަލުގައި ވެރިކަމަށް ގެންނަން ސިފައިން މަސައްކަތްކުރި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވުމުން ސިފައިންނަށް ވަނީ ސިފައިންނާމެދު އާންމުންގެ ނުރުހުން ބޮޑުކަން ހާމަވެ ބޮޑު ސިހުމެއް ލިބިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.