18 Feb 2024, 13:58
އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 280 މިލިއަން ރުފިޔާ އެކީ ދީ ނިންމޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބިގެން ގއ. ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެވުމުން، ދެން ކިރާ މަހުގެ ފައިސާ ހަފުތާއެއް ތެރޭ ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
މި ސަރުކާރުން މަހުގެ އަގު 20 ރުފިޔާއަށް ދަށްކޮށްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އޭގެ ފަހުން ކިރި މަހަށްވާ 26 މިލިއަން ރުފިޔާ މި ހަފުތާގައި މިފްކޯއިން ހަމަޖައްސައިދޭނެ ކަމަށެވެ.
މަސްވެރިން ވަނީ ކޫއްޑޫގައި އިހުތިޖާޖުކޮށް އެ ރަށުގައި ހުންނަ މިފްކޯގެ އޮޕަރޭޝަން ހުއްޓުވައިފައެވެ. މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކޫއްޑޫގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަކީ އެހެން މަސްވެރިންނަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިއަދު ފެށި އިހުތިޖާޖު ހޫނުވެ، މިނިސްޓަރު ވަނީ ކޫއްޑޫއަށް ދިއުމަށް ނިންމާފައެވެ.
ކޫއްޑޫގައި މަސްވެރިން ކުރާ މުޒާހަރާގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.
މި ވީޑިއޯތަކުން ފެންނަގޮތުގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ ކޫއްޑޫގައި ހުންނަ މިފްކޯގެ އޮޕަރޭޝަން ތެރެއަށް ވަދެފައެވެ. އަދި، އެ އޮޕަރޭޝަނުގެ ވެރިޔާއާ ސުވާލުކޮށް މަސްވެރިން ވަނީ އެ އޮޕަރޭޝަން ބަންދު ވެސް ކޮށްފައެވެ. މަސްވެރިން ބުނާ ގޮތުގައި މަސްވެރިންނަށް ނުދީ ތިން މަހުގެ ފައިސާ އެބަ ހުއްޓެެވެ. އަދި ސަރުކާރުން މަސްވެރިންނަށް ޖަވާބުދާރީ ނުވާކަމަށް ބުނާ އަޑު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން އިވެއެވެ.
"އަޅުގަނޑުމެންނަށް ޖަވާބުދާރީ ވާނެ ފަރާތެއް ނެތް. މިފްކޯއިން ޖަވާބުދާރީއެއް ނުވި. ފިޝަރީސް މިނިސްޓްރީން ޖަވާބެއް ނުދިން،" މަސްވެރިޔަކު ބުނާ އަޑު އިވެއެވެ.
މިނިސްޓަރު މީގެ ކުރިން ވިދާޅުވީ، މަސްވެރިންނަށް މި ސަރުކާރުން މިހާތަނަށް ޖުމުލަ 422 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ނުދެވި 270 މިލިއަން ރުފިޔާ ހުރި ކަމަށެވެ. އެ ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ވެސް ޝިޔާމް ވިދާޅުވިއެވެ.