ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވާނެކަން މިއަދު އިއުލާނުކުރައްވައިފިއެވެ.

އެމްޑީޕީގެ ރައިސަކު ހޮވަން ބާއްވާ އިންތިޚާބު މާޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައި، އެ މަގާމަށް ކުރިމަތިލާން އެދޭ މެންބަރުން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައެވެ.

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާން ގަސްތުކުރައްވާ ކަމަށެވެ.

"އާ ފޯރިޔަކާއި އާ ޖޯޝަކާ އެކު، އާ ބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ، އަތުގުޅާލަންވެއްޖެކަން ބަލައިލި ކޮންމެ ދިމާލަކުން މިއަދު މިއޮތީ ފެންނާށެވެ،" އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާކަން އިއުލާނުކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރު ފޮރިން މިނިސްޓަރަކަށް ހުންނެވި ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ނުރަސްމީ ސިފައެއްގައި ކެމްޕޭން ކުރައްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގައި މިހާރު ޚިދުމަތްކުރައްވާފައިވާ ޝާހިދު، އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޑީއާރުޕީންނެވެ. އެމްޑީޕީއާ ގުޅިވަޑައިގަތީ މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުނު ފަހުންނެވެ.

އެމްޑީޕީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މިހާތަނަށް އެ އިންތިޚާބާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކުރިން 2003 ގައި ނުރަސްމީކޮށް އުފައްދައި 2005 ވަނަ އަހަރު އުފެދުނު އާ ގާނޫނު އަސާސީއާ އެކު ރަޖިސްޓްރީކުރި އެމްޑީޕީގެ ފުރަތަމަ ރައީސަކަށް ހުންނެވީ އިބްރާހިމް އިސްމާއިލް (އިބުރާ)އެވެ. އޭގެ ފަހުން، ކުރީގެ ބަންޑާރަނައިބު މުހައްމަދު މުނައްވަރާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ޑީޑީ ވެސް އެމްޑީޕީގެ ރައީސްކަން ކުރެއްވިއެވެ.

އެންމެ ގިނަ ދުވަހު އެމްޑީޕީގެ ރައީސްކަން ކުރެއްވީ މި ފަހުން އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޞާލިޙާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ނަޝީދު ވަނީ އެމްޑީޕީން ވަކިވެ، އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިފައެވެ.