01 Jun 2012, 14:21
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓްތަކަކާ އެކު ވިލިމާލެ އިން ދެ މީހަކު ފުުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 23 އަހަރުގެ އަންހެނަކާއި 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެ ދެ މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބުދަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު ފުލުހުން ވިލިމާލެ ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފުލުހުން އަދި ބުނެފައި ވަނީ އެ ދެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އަންހެން މީހާގެ އަތުގައި އޮތް ދަބަހުގައި އޮތް ސިނގިރެޓް ފޮށްޓަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ނުވަ ރަބަރު ޕެކެޓް ފެނިވައި ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.