ގައުމު ކުރިއަށްދާ މިސްރާބު ރަނގަޅު ނޫން ކަމަށާއި ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެ ކަމަށް ލޯ މަރާލައިގެން ހުންނެވެން ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.

މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް، ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ މިހާރު ވެސް އެ ދާއިރާގެ މެންބަރު ޖީހާން މަހްމޫދްއަށް ތާއީދު ހޯދަން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ގިނަ ދުވަސްތަކެއް ވަންދެން އެ ދާއިރާގެ މެންބަރުކަން ކުރެއްވި ޞާލިޙް ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ރާއްޖޭގެ ވެރިކަން ކުރެވިއްޖެ ފަސް އަހަރު ދުވަހު. ވެރިކަން ކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށެއް މިއަދަކު ނެތް ލޯ މަރާލައިގެން، ބަލަހައްޓައިގެން ހުރެވޭކަށް. ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭރު ވެސް ހެދީ ދޮގު. މިއަދު ވެސް ހަދަމުން ދަނީ ދޮގު،"

އެމްޑީޕީގެ ރައީސް ޞާލިޙް: އެ މަނިކުފާނު ވިދާޅުވީ ގައުމުގެ މިސްރާބު ގޯސްކަމަށް -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ހަގީގަތް އޮޅުވައިލީ ކަމަށެވެ. އެކަމާ ރަށްރަށުގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުން ވެސް މިއަދު ހިތާމަކުރާ ކަމަށް ޞާލިޙް ވިދާޅުވިއެވެ.

"މިއަދު ރާއްޖޭގެ އެކި ރަށްރަށުން، އެކި ކަންކޮޅުތަކުން އެކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނާ، ދެރަވެ ކަންބޮޑުވޭ،" މިދިޔަ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް ވެރިކަން ކުރެއްވި ޞާލިޙް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ގައުމުގެ މިސްރާބު ނުކަސިޔާރުކޮށް ހުރީއިރު، މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެ ކަމާ ލޯ މަރާލައިގެން ހުންނެވެން ނެތް ކަމަށެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ މިދިޔަ ސަރުކާރުގައި ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން، ރަށްރަށުގެ ފެނާއި ނަރުދަމާއާއި ސިއްހީ ކަންކަމާއި ތައުލީމާއި އަދި ލަފާފުރުމުގެ ކަންކަން ތަރައްގީކުރަން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވުނުކަން ފާހަގަކުރައްވައި ޞާލިޙް ވިދާޅުވީ، ސަރުކާރު ބަދަލުވުމާ އެކު އެ ހުރިހާ މަޝްރޫއެއްހެން ހުއްޓިފައިވާ ކަމަށެވެ.

މެންބަރު ޖީހާންގެ ކެމްޕޭން ޖަލްސާއެއްގައި ޞާލިޙް: ވިދާޅުވީ މަޖިލީސް އިންތިޚާބާ މެދު އުންމީދު ބޮޑު ކަމަށް -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ 20 ވަނަ މަޖިލީހާ މެދު އުންމީދު ބޮޑު ކަމަށެވެ. އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މަސައްކަތް ކުރަމުން ގެންދާނީ މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް. ދޮގު ނުހެދުމަށް ޑރ. މުއިއްޒަށް އަޅުގަނޑުމެން ދަންނަވާނަން،" ޞާލިޙް ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ޖުމުލަ 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާއިރު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީން 90 ދާއިރާއަކަށް ވާދަކުރެއެވެ. ވެރިކަން ކުރާ ޕީއެންސީން ވާދަކުރަނީ 89 ދާއިރާއަކަށެވެ.