އެންމެ ފުރަތަމަ އޮތީ އޭނާގެ އުފަން ދުވަހުގެ ސެޓްފިކެޓެވެ. އޭގައި ވާ އޭނާގެ މަންމަގެ ނަމަށް ނަޒަރު ހުއްޓާލުމާއެކު މައާލް އެ ނަން ކިޔާލިއެވެ.

"މަޝާރާ" މައާލް ރާދިންއަށް ބަލާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ރާދިން ބޯ ޖަހާލިއެވެ. މައާލް އޭނާގެ މަންމަގެ މައުލޫމާތާއި ބައްޕަގެ މައުލޫމާތު ކިޔެވެ. އެއަށްފަހު، ދެން އޮތް ފައިލް ހުޅުވާލިއެވެ. އޭގައި ވަނީ އޭނާގެ "އެޑޮޕްޝަން" އާ ބެހޭ ހުރިހާ މައުލޫމާތެކެވެ. އެ އެއްޗެހި ކިޔަމުން ދިޔަ ވަރަކަށް މައާލްގެ ހިތުގައި އިތުރަށް ޖެހެމުން ދިޔައެވެ. އޭނާގެ އުމުރުން މިވީހާ ދުވަހު، ހީކޮށްގެން އުޅުނީ ހަޤީގަތެއްނޫންކަން އެނގުމުން އޭނާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައެެވެ.

"ރާދިންއަށް ކޮން އިރަކު މިހުރިހާ އެއްޗެއް ލިބުނީ؟" މައާލް ރާދިންއަށް ބަލާލިއެވެ.

"ތި އެއްޗެހި ހުރީ އޮފީހުގެ މަތީގައި ހުންނަ ޕެންޓް ހައުސްގައި ހުރި ސޭފެއްގެ ތެރޭގައި. އެއީ ޝާކިރު އަންކަލް މާލެ އައިސް ހުންނަ އެޕާރޓްމެންޓް. މި ހަޤީގަތް އެނގޭ ހިސާބުން ތި އެއްޗެހި ބަލަން މައާލް ބޭނުންވާނެތީ އަހަރެން ތި އެއްޗެހި ގެނައީ." ރާދިން އޮޅުން ފިލުވާލަދިނެވެ. ކަރުނަތައް ފުހެމުން މައާލް ރާދިންއަށް ބަލާލިއެވެ.

"ކައިވެނީގެ ކުރިންވެސް ރާދިންއަށް މިހުރިހާކަމެއް އެނގޭތަ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ނޫން. އަހަންނަށް ވެސް މި ހަޤީގަތް އެނގުނީ އޭގެ ފަހުން… ކައިވެނި ކުރި ގަޑީގައި ހާސްވެފަ ހުރިވަރުން އަހަންނަށްވެސް ނޭނގުނު." އެހެން ބުނެލާފައި ފެށިގެން ނިމެންދެން ހުރިހާ ވާހަކައެއް ރާދިން ކިޔައިދިނެވެ. އަދި މައާލްއާ ކައިރިއަށް ޖެހިލާ މައާލްގެ އަތުގައި ހިފައްޓާލިއެވެ.

"މައާލް. ބައްޕައާ ވާހަކަ ދައްކަން ވާނެ. މިއަދު މައާލްއަށް ތި ލިބުނީ ފުރުސަތު. މައާލްގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ދެވޭނެ ހަމައެކަނި މީހަކީ މިއަދު އެއީ. މައާލްއަށް ދެރަގޮތެއް ވާން ނޭނދޭކަން އެ ބައްޕަގެ ދެލޮލަށް ބަލާލީމަ އަހަންނަށްވެސް އެނގޭ. ހިތުގައި އުފެދިފައިވާ ޝަކުވާތައް ތި ހިތުތެރޭގައި ފޮރުވުމުގެ ބަދަލުގަ ބައްޕައާ ހިއްސާކޮށްލާ. މައާލް ބޭނުން ސުވާލެއް މިއަދު ބައްޕައާ ކުރެވޭނެ. މައާލްއަށް އެނގޭތަ މައާލްގެ ފަހަތުން މިރޭ އެ ބައްޕަ ނައީ ކީއްވެގެންކަން؟ މައާލްއާ ކުރިމަތިލުމުގެ ހިތްވަރު ނެތީމަ. މިރޭ އެކަންޏެއް ނޫން. މައާލްގެ ކައިރިއަށް އަންނަން ބޭނުންވާ ކޮންމެ ފަހަރަކު އެ ބައްޕަ ހުއްޓުވަނީ އެ ހިތުގެ ރިހުމާއި ބަލިކަށިކަން. މައާލްއާ ކުރިމަތިލާނެ ހިތްވަރު ނެތީމަ. މައާލްއާ ދުރުގަ ހުންނަން އެ ބައްޕަ ހިތްވަރު ހޯދީ މައާލްގެ ހިނިތުންވުމުން، މައާލްގެ އުފާވެރިކަމުން، މައާލްގެ ހިތްހަމަ ޖެހުމުން." ރާދިން މައާލްއަށް ވިސްނައިދޭން ވާހަކަ ދެއްކިއެވެ.

" ރާދިން… އަހަރެން… ނޭނގެ…" މައާލްއަށް ޖުމްލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. ހީވަނީ ދޫމަތީ ހިލަގަނޑެއް ބާއްވާފައި އޮތް ހެންނެވެ.

"އެބަ އަންނަން." އެހެން ބުނެލާފައި ރާދިން ގޮސް ކޮޓަރިން ނުކުމެލިއެވެ. އެ ދިމާލަށް ބަލަން ހުރި މައާލްގެ ހިތުގައި، ތަފާތު ސުވާލުތައް އުފެދުނެވެ. އަނެއްކާ ރާދިން އެ ދިޔައީ އޭނާގެ ބައްޕަ ބަލާ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު އޭނާގެ ހިތުގެ ތެޅުން ބާރުވެލިއެވެ. ދެތިން ފަހަރު ފުން ނޭވާއެއް ދޫކޮށްލެވުމާއެކު، މައާލް ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް، އެކަން ކުރުން އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ. އެ ހާސްކަމުގައި މައާލް ހުއްޓާ ސިހުން ލިބުނީ ދޮރު ހުޅުވާލި އަޑަށެވެ. އެތެރެއަށް ވަތް ރާދިންގެ ފަހަތަށް މައާލް ނަޒަރު ހުއްޓާލިއެވެ. އިތުރު މީހަކު ނާދެއެވެ. މައާލްގެ ހިތުގައި އުފެދުނު ސުވާލުތައް އެނގުނު މީހެއް ފަދައިން، ރާދިން ވާހަކަ ދެއްކިއެވެ.

"އަހަރެން އެކަނި މިއައީ." އެހެން ބުނެލާފައި ރާދިން އޭނާގެ އަތުގައި އޮތް އަލްބަމް މައާލްއަށް ދައްކާލިއެވެ. ސުވާލުގެ ނަޒަރަކުން މައާލް އެއަށް ބަލަހަައްޓައިގެން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ރާދިން މައާލް ގޮވައިގެން ގޮސް ސޯފާގައި ބެއިންދިއެވެ. އެއަށްފަހު، އޭނަ، އެ އަލްބަމް މައާލްގެ އަތަށް ދިނެވެ.

"މިއީ މައާލްގެ ބައްޕަ މައާލް ދެކެ ލޯބިވާކަމުގެ ހެއްކެއް." ރާދިން ބުނެލިއެވެ. މައާލް ކަރުނަތައް ފުހެމުން އެ އަލްބަމް ހުޅުވާލިއެވެ. އޭގައި ވަނީ ހުސް އޭނާގެ ތަސްވީރެވެ. އެންމެ ތުއްތު އިރުން ފަށައިގެން މިއަދާ ހިސާބަށެވެ.

"ތި ފޮޓޯތަކަކީ މައާލްގެ ބައްޕައަށް ލިބުނު ހަމަ އެކަނި ހިތްހަމަ ޖެހުމަކީ. މައާލްއަށް ހޯދައިދޭން ބޭނުންވި ފަދަ ދިރިއުޅުމެއްގައި މައާލް އުޅޭތަން ފެނުމުން އެކަނިވެސް އެ ބައްޕަ ހިނިތުންވޭ. ހިތަށް ތަދުވި ނަމަވެސް، މައާލްގެ ކުރިމައްޗަށް ނާރަން ހުރީ ކީއްވެގެންކަން އެނގޭތަ؟ ހަމަ އެކަނި މި ފޮޓޯތަކަށް ބަލާލައިގެން ހިތްހަމަ ޖައްސާލަނީ ކީއްވެގެންކަން އެނގޭތަ؟ އެއީ މައާލްއާ ބައްދަލުކޮށްފިނަމަ، މައާލްއާ ދުރުނުވެވިދާނެތީ، މައާލްގެ އުމުރުން ހަތް އަހަރުގައި މިގެއަށް އައި ހަނދާންވޭތަ؟ އޭރު މައާލްއަށް ވާނީ ބައްޕަ ފެނިފަ. އެފަހަރުވެސް މައާލްގެ ބައްޕަ މައާލްއާ އެކު ވަގުތު ހޭދަނުކުރީ އެކަން އެގޮތަށް ކޮށްފިނަމަ ޝާކިރު އަންކަލް މެންނާއެކު މައާލް ފޮނުވަން އެ ހިތް އުޒުރުވެރިވެދާނެތީ. މައާލްގެ ދިރިއުޅުން އުޖާލާކޮށްދޭން ބޭނުންވީމަ. ވީއިރު އެ ބައްޕައާ މިއަދު މައާލް ވާހަކަ ނުދައްކަންވީ ކީއްވެ؟ އެނގޭ ތި ހިތުގައި ޝަކުވާ އުފެދޭނެކަންވެސް، ދެރަވާނެކަންވެސް. އެކަމަކުވެސް އެ އަޑު އަހާލަބަ މައާލް. އޭރުން ތި ހިތަށް ތަސައްލީއެއް ލިބޭނެ." ރާދިން ބުނެލިއެވެ.

"މިފަހަރު ލަންޑަންގައި ހުއްޓާ އަހަންނަށް މި ހަޤީގަތް އެނގިއްޖެ." އިސްޖަހާލައިގެން އިން މައާލް އަލްބަމް ލައްޕާލުމާއެކު ބުނެލިއެވެ.

"ކީކޭ؟" ރާދިންއަށް ޝޮކެއް ލިބުނެވެ.

"އާ…" މައާލްގެ ޖަވާބު ކުރެވެ.

"މައާލް… އަހަންނާ ދިމާލަށް ބަލާލަބަ. ކިހިނެއް މައާލްއަށް މިކަންތައް އެނގުނީ." ރާދިންއަށް މައާލްގެ ދެ ކޮނޑުގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލަމުން ސުވާލުކޮށްލެވުނެވެ. މައާލް އިސް އުފުލާލާ ރާދިންގެ ލޮލަށް ބަލާލުމާއެކު، އޭނާއަށް އެކަންތައް އެނގުނުގޮތާއި އަޑު އިވުނު ވާހަކަތައް ރާދިންއާ ހިއްސާކޮށްލިއެވެ.

"މިހުރިހާ ދުވަސްވީއިރު، ކީއްވެ އެއްވެސް ސުވާލެއް ނުކުރީ…" ރާދިންއަށް މައާލްގެ އަތަށް ބާރުކޮށްލެވުނެވެ.

"ސުވާލުކުރަން ކިތަންމެ ވަރަކަށް ވެސް ބޭނުންވި. އެކަމަކު އެކަމުން އަހަންނަށް ލިބޭނީ އިތުރު ހިތްދަތިކަމެއްކަން އެނގުނީމަ އަހަރެން ކެތްތެރިވީ. މާލެ އައިސް އަހަރެންގެ ކައިރީގައި ހުންނަން މަދު ދުވަސްކޮޅެއް ބޭނުންވާކަމަށް ރާދިން ބުނީމެއްނު. އަދި އޭގެ ފަހުން އަހަރެން އެދޭ ގޮތަށް ކަންތައް ކޮށްދޭނެކަމަށްވެސް ބުނީމެއްނު. އަހަންނަށް އެނގޭ އެއީ ކީއްވެގެންކަން ވެސް. ރާދިން ބޭނުންވީ މި ހަޤީގަތް އަހަންނަށް އެނގޭއިރު، އަހަންނަށް ހިތްވަރުދޭން އަހަރެންގެ ކައިރީގައި ހުންނާކަށްނު.... އެކަންވެސް އަހަންނަށް އެނގޭ. އަހަރެން ހީކުރި މިކޮޅަށް އައިސް އެ ހުރިހާ ވާހަކައެއް އެނގުނީމަވެސް ލަންޑަންގައި ކެތް ކުރި ގޮތަށް ކެތް ކުރެވޭކެމަކަށް. އެކަމަކު އެހެންނެއް ނުވި.... އަހަރެން ކެތްކޮށްކޮށް ވަރުބަލިވެއްޖެ ރާދިން... އަހަންނަކަށް ނުވާނެ ދެނެއް. އަހަރެން ބޭނުންވަނީ އެކަނިވެލަން." މައާލްގެ އަޑު ކުރެހުނެވެ. އިތުރު ވާހަކައެއް ދައްކާނެހާ ހިތްވަރު ނެތުމުން އޭނާ ފުންނޭވާއެއް ދޫކޮށްލާފައި ބުނެލިއެވެ.

"މައާލް." އެވަގުތު މައާލް އެކަނިކޮށްލާކަށް ރާދިންގެ ހިތެއް ނޭނދުނެވެ.

"ޕްލީޒް!" އާދޭހުގެ ރާގެއްގައި މައާލް ބުނެލުމުން ރާދިންއަށްވެސް މިފަހަރު ދެކޮޅު ހަދާކަށް ނުކެރުނެވެ. އެ ހުރިހާކަމަކާ ވިސްނާލާ ސިކުނޑި ހަމައަކަށް އަޅުވާލަން، މައާލް ބޭނުންވާނެކަން އެނގޭތީ އެވަގުތު މައާލްއަށް ދޭން ރާދިން ނިންމިއެވެ.

"ޓޭކް ޔޯ ޓައިމް ބޭބީ." މައާލްގެ ކޯތާފަތުގައި ފިރުމާލުމަށްފަހު، ރާދިން، މަޑުމަޑުން ބުނެލިއެވެ. އެއަށްފަހު އޭނާ ސޯފާއިން ތެދުވެގެން ގޮސް ކޮޓަރިންނުކުމެ ދޮރު ލައްޕާލިއެވެ. ރާދިން ދިޔަ މަންޒަރު ބަލަން އިނުމަށްފަހު، މައާލް އަނެއްކާވެސް އަލްބަމް ހުޅުވާލިއެވެ. އޭގައި ހުރި ފޮޓޯތަކަށް ފަރުވާތެރިކަމާއެކު އޭނާ ބަލަން ފެށިއެވެ. އެންމެ ކުޑައިރު ނަގާފައިވާ ހުރިހާ ފޮޓޯއެއް ވެސް އެ އަލްބަމްގައި ހުއްޓެވެ.

އޭނާގެ މަންމަ ބަނޑުބޮޑުއިރުގެ ފޮޓޯގައި އަތް ޖައްސާލި މައާލް ކަރުނައިގެ ތެރެއިން ހިނިތުންވެލިއިރު، އެ ފޮޓޯގަނޑު އޭނާއަށް ފެނުނީ ފުސްކޮށްކަމުގައި ވުމާއެކު، ދެލޯ ފުހެލާފައި އަނެއްކާވެސް، އެ ފޮޓޯގަނޑަށް ރަނގަޅަށް ބަލާލިއެވެ. މަޝާރާގެ ދެލޯ ފެނި އެކަނިވެސް އެ އިން އެއްވެސް ކަމަކަށް ޝައްކު ކުރާނެ ޖާގައެއް ނެތެެވެ. "އެންބަރ" ކުލައިގެ ދެލޯ އޭނާއަށް ލިބިފައިވަނީ މަންމަގެ ފަރާތުންނެވެ. ބާކީ ހުރި ފޮޓޯތަކަށްވެސް އޭނާ ބެލިއެވެ. ތުއްތު އިރާ، ނާރސަރީން ފެށިގެން ސްކޫލް ނިމި، ޔުނިވާރސިޓީއަށް ދާން ފެށިފަހުން ނަގާފައިވާ ފޮޓޯތައް ވެސް ހުއްޓެވެ. އޭނާގެ ކޮންމެ ކާމިޔާބީއެއްގެ ފޮޓޯތައް ވަކި ވަކިން ހުއްޓެވެ. އެ އަލްބަމަށް ބަލަން މައާލް އިންއިރު، އޭނާގެ ހިތުގައި ބުނެދޭން ނޭނގޭ އިޙްސާސްތަކެއް އުތުރިއަރަމުން ދިޔައެވެ.

ރާދިން ބޮޑު ކޮޓަރިއަށް ނުކުމެލުމާއެކު، މުނީރާ ޒުހުރީއަށް ރާދިންއާ ސުވާލުކޮށްލެވުނެވެ.

"މައާލް ކޮބާ؟" މުނީރުގެ އަޑުގައި ވަނީ ހާސްކަމެވެ.

"މައާލް ރަނގަޅުތަ؟" ޒުހުރީއަށްވެސް ޖެހިލުންވުމާއެކު، ސުވާލުކޮށްލެވުނެވެ.

"ޝީއިޒް އޯކޭ… ޝީ ޖަސްޓް ނީޑްސް ސަމްޓައިމް." ރާދިން އެ ދެމީހުންގެ ހިތްހަމަ ޖައްސާލަދިނެވެ. އެހެން އިންއިރު އޭނާއަށް އިރުއިރުކޮޅަކާ މައާލް އައިސްދާނެކަމަށް ބަލާލެވެއެވެ. ޒުހުރީވެސް އިނީ އިސްޖަހާލައިގެންނެވެ، މުނީރު ޒުހުރީއަށް ހިތްވަރު ދެމުން ދިޔައެވެ.

އަލްބަމް އެނދުމަތީގައި ބާއްވަމުން މައާލް ދެލޯ ފުހެލިއެވެ. އެއަށްފަހު އެނދުން ތެދުވެލިއެވެ. އަލްބަމަށް އަދިވެސް އެއްފަހަރު ބަލާލާފައި އޭނާ ގޮސް ކޮޓަރިން ނުކެމެފައި ބޮޑު ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރުވެސް މުނީރުގެ އިތުރުން ޒުހުރީއާ ރާދިން އެތަނުގައި ތިއްބެވެ.

"މައާލް." އިސްޖަހާލައިގެން އިން ޒުހުރީއަށް ސިހުން ގެނުވީ ރާދިންގެ އަޑެވެ. އޭނާ އިސް އުފުލާލިއިރު މައާލް ސޯފާތަކާ އަރާ ހަމަވަނީއެވެ. މައާލް އައިސް ކައިރިއަށް ހުއްޓުމާއެކު، ޒުހުރީގެ އިތުރުން މުނީރާ ރާދިންއަށްވެސް ތެދުވެވުނެވެ.

"ކީއްވެ؟" މައާލްގެ ދުލުން ބޭރުވީ އެންމެ ލަފުޒެކެވެ.

"ކީއްވެ؟ އެންމެން އަހަންނަށް އޮޅުވާލަނީ ކީއްވެ؟ މި ހަޤީގަތް ކީއްވެ އެންމެން ސިއްރުކުރީ؟" އެހެން މީހަކަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ދެންވެސް ވާހަކަ ދެއްކީ މައާލްއެވެ. ނުރޯން ހިތްވަރުކުރިނަމަވެސް، އެ އަޑުގައި ވި ތުރުތުރުއެޅުން އެކަކަށްވެސް ސިއްރެއް ނުވިއެވެ. މައާލް ހީވަނީ ދެންމެ ދެންމެ ރޮއިގަނެފާނެހެންނެވެ.

"އޭރުގެ ޙާލަތު ހުރި ގޮތުން.... ބައްޕައަށް މަޖުބޫރުވީ…" ޒުހިރީއަށް ބުނެވުނެވެ. މައާލް ޒުހުރީއަށް ރަނގަޅަށް ބަލާލީ ދެނެވެ. އެއާއެކު އޭނާގެ އުމުރުން ހަތްއަހަރުގައި އޭނާއަށް ފެނުނު ޒުހުރީއާ މިހާރު އޭނާގެ ކުރިމަތީގައި އެ ހުރިޒުހުރީއާ އަޅާކިޔެން ފެށުނެވެ. ޒުހުރީއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

"ދަރިފުޅާ…" މައާލް އެއްޗެއް ނުބުމުން ޖެހިލުންވެ ހުރެ ނަމަވެސް ޒުހުރީ މައާލްއަށް ގޮވާލިއެވެ. މައާލްއަށް އޭނާގެ ދުލުން ދަރިފުޅާއޭ ކިޔާފައި ގޮވާލަން އޭނާ ހާދަ އިންތިޒާރެއް ކޮށްފިއެވެ. އަސަރުކަން ގަދަ އެ އަޑު މައާލްގެ ކަންފަތުގައި ޖެހުމާއެކު، އޭނާއަށް ވެސް އަސަރުކުރިއެވެ.

"ބައް.. ބައްޕާ…" މައާލްއަށް ގޮވާލެވުނެވެ. ރާދިންއާ މުނީރުގެ ތުންފަތްމައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޒުހިރީ މައާލްއާ ކައިރިވެލާފައި މައާލްގެ ބޮލުގައި ފިރުމާލިއެވެ.

"ދަރިފުޅާ ބައްޕައަށް މާފުކުރޭ… ބައްޕައަށް ދަރިފުޅުގެ ކުރިމައްޗަށް އަރަން ނުކެރުނީ… މި ބައްޕައަށް ކުރެވުނީ މާފު ހައްޤު ވާވަރު ކުށެއް ނޫން." ޒުހުރީ އޭނާގެ ލޮލުން އައި ކަރުނަތައް ފުހެލިއެވެ. މައާލް އޭނާގެ ހިތުގައި އުފެދުނު ޝަކުވާތައް ޒުހުރީގެ ކުރިމަތީގައި ބޭރުކުރަން ފެށިއެވެ. އެއިން ކޮންމެ ސުވާލަކަށްވެސް ކެތްތެރިކަމާއި، ތެދުވެރިކަމާއެކު، ޖަވާބު ދެމުން ޒުހުރީ ދިޔައެވެ.

"ޝުކުރިއްޔާ ބައްޕައަށްވެސް. އަޅުގަނޑަށް ދުވަހަކުވެސް އިޙްސާސްއެއް ނުކުރެވުނު އެއީ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް ބަޔެއްކަމަށް. އެހާ ވެސް ހެޔޮ. އެހެންވީމަ އެފަދަ ރަނގަޅު ބައެއްގެ އަތް މައްޗަށް އަޅުގަނޑު ދޫކޮށްލީމަ އެކަމަށް ޝުކުރުވެރިމިވަނީ." މައާލްއަށް ބުނެވުނެވެ.

"ދަރިފުޅާ މައާލް. ފަހުމާއާއި ޝާކިރާ ދެމީހުން މައާލްގެ ކައިވެނި މިގޭ ކުއްޖަކާ ހަމަ ޖެއްސީ، އެމީހުންގެ ލޯ މަތިން މައާލް ގެއްލެން ބޭނުން ނުވާތީ. އަދި މައާލްއަށް ކުޑަވެސް ދެރައެއް ދޭން ނޭނދޭތީ. އެމީހުން އެހާވެސް މައާލް ދެކެ ލޯބިވޭ. " މުނީރު އެހެން ބުނެލިއިރު އޭނާ ރާދިންއަށްވެސް އަވަސް ނަޒަރެއް ދިނެވެ. މުނީރުގެ އެ ނަޒަރުގެ މާނަ ރާދިންއަށް ފަހުމްވުމާއެކު، އިސްޖަހާލަން އޭނާއަށް މަޖުބޫރުވިއެވެ. މައާލްއަށްވެސް ރާދިންއަށް އަވަސް ނަޒަރެއް ދެވުނެވެ.

އުފަލާއި ޖަޒުބާތީ އެ ވަގުތު އެތައް ވާހަކައެއް މައާލްއާ ޒުހުރީއާ ދެމެދު ދެކެވުނެވެ. މުނީރާ ރާދިންވެސް އެ ދެމީހުންނަށް ވަގުތު ދީފައި ބޭރަށް ނުކުމެލިއެވެ.

"ރާދިން..." އެ ތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެފައި މުނީރު ރާދިންއަށް ބަލާލީ ރާދިންގެ މޫނުމަތީގެ ކުލަވަރު ދިރާސާ ކުރާ މީހެއް ފަދައިންނެވެ. އެ މޫނުމަތިން އޭނާއަށް ހަމަޖެހުމުގެ އަސަރުތައަ ފެނުނެވެ.
"ލައްބަ." ގޮނޑީގައި އިށީނދެލި ރާދިން މުނީރަށް ބަލައިލިއެވެ.

"އެކޮޅުގައި ހުރެފައި ބައްޕަ ދެއްކި ވާހަކައާ މެދު ވިސްނައިފިން؟..." މުނީރުގެ ވާހަކައާ އެކު ރާދިންގެ މޫނުމަތި މިލައިގެން ދިޔައެވެ. އިސްޖަހާލަން އޭނާއަށް މަޖުބުރުވީ އެހެންވެގެންނެވެ.

"އެ އަންހެން ކުއްޖާ ކޮބާ؟ ބައްޕަ ބުނިން ދޯ ރާދިން ޒިންމާ ނަގަން ޖެހޭނެޔޭ." މުނީރުގެ އަޑުގައި މަޑުމޮޅިކަން ވީނަމަވެސް އެ އަޑަށް ހަރުކަށިކަން ގެންނަން އޭނާ މަސައްކަތް ކުރިއެވެ.

"ރާދިން." ރާދިން އެއްޗެއް ނުބުނުމުން އޭނާ އަނެއްކާވެސް ގޮވާލިއެވެ.

"އެ އަންހެން ކުއްޖާއާ ރާދިން ބައްދަލެއް ނުކުރާނަންތަ؟ އެހެންވިއްޔާ އެ ކުއްޖަކު ހޯދައިގެން ބައްޕަތަ ބައްދަލުކުރަންވީ؟" ހަޤީގަތުގައި އެ އަންހެން ކުއްޖާގެ ކުރިމައްޗަށް އަރާކަށްވެސް މުނީރު ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެކަމަކީ ކުރަން ޖެހޭކަމަކަށް ވާނަމަ އެކަން ވެސް އޭނާ ކުރަން ޖެހޭނެތާއެވެ. އެ ކުށުގައި އޭނާފެ ދަރިފުޅުވެސް ހަމަހަމައަށް ބައިވެރި ވާތީއެވެ.

"ބައްޕާ… ވަގުތުކޮޅެއް…" ރާދިންއަށް ބުނެވުނެވެ.

"ކިހާ ވަގުތެއް؟ އޭނަ ވިހެއިމަ؟ އެކަމުގެ ޒިންމާ އޭނައެކޭ އެއްވަރަށް ރާދިންވެސް ނަގަން ޖެހޭނެޔޭ." މުނީރަށް ބުނެވުނެވެ.

"އޭރުން މައާލް؟" ރާދިންއަށް އަނެއްކާވެސް ބުނެވުނެވެ.

"މައާލް ބޭނުންވާ ގޮތަކަށް ރާދިން ކަންތައް ކޮށްދީ. މިހާރު ހުރިހާ ހަޤީގަތެއްވެސް މައާލްއަށް އެނގުނީ. މައާލްގެ ހިތާމަތަކުގައި ބައިވެރިވާން މައާލްގެ ބައްޕަވެސް މިހާރު އެހުރީ. މިހުރިހާކަމެއް އެެނގޭދުވަހު ޒުހުރީއަށް ވާނެގޮތާ، ޒުހުރީގެ ހިތަށް އަރާނެ އެއްޗެއް ވިސްނިފަ އަހަރެން ލަދުން ހަލާކުވޭ." ހަރުކަށިނަމަވެސް، މުނީރު އަޑުގައިވަނީ ވޭނެވެ. ލަދުވެތިކަމެވެ.

"ބައްޕާ…" ރާދިންއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް، މައާލްއާ ޒުހުރީ އާ ދެމީހުން ނުކުމެއްޖެއެވެ. އެ ދެމީހުންގެ މޫނުމަތިން ހަމަޖެހިފައި ހުރި ކަމުގެ އަސަރުތައް ފާޅުވެއެވެ. އެރޭ ޒުހުރީއާއި މުނީރާ ދިޔުމުން މައާލްއާ ރާދިން އެކަނިވިއެވެ. މައާލްއާ އެތަކެއް ވާހަކައެއް ދައްކަން ބޭނުންވި ނަމަވެސް، އެކަން ކުރަން ރާދިންއަށް ފަސޭހައެއް ނުވިއެވެ. ހިމޭންކަން އޭނާއަށް ޚިޔާރުކުރެވުނީ އެހެންވެގެންނެވެ.

ޖެހިގެން އައި ދުވަހު، ހެނދުނުގެ ނާސްތާއަށްފަހު، ރާދިން އޮފީހަށް ދާންވެގެން ނުކުމެލިއެވެ. އޭރު މައާލް އިނީ ބޭރުގައި ހުރި ގޮނޑީގައެވެ. އޭނާ މައާލް ކައިރީގައި ބުނެލާފައި ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ. އޮފީހަށް ގޮސްފައި ރާދިން ކޮފީއަކަށް ދިޔުމަށް އެންމެ ފުރަތަމަވެސް ހޯދާލީ މާހިލްއެވެ. އެކޮޅުގައި ވީކަންތައް ރާދިން މާހިލްއަށް ކިޔައިދޭން ފެށިއެވެ. ވާހަކައިގައި ތިބެ ދެމީހުން ގޮސް ކޮފީ ޝޮޕަށް ވަނެވެ. ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި އިށީނދެފައި ލަވާޒާ އަކަށް އޯޑަރު ދީފައި އަނެއްކާވެސް ދެމީހުން ވާހަކައިގެ މަސްއޫލުވިއެވެ.

"އެކަހަލަ މީހުންނަށް ހަމަ ވާން ޖެހޭ ގޮތް އެވީ…" މާހިލް ބުނެލިއެވެ.

"މައާލްއާ މައާލްގެ ބައްޕައާ ދިމާވި ވާހަކަ ބުނެލައްޗޭ މާހިލް ބައްޕަ ކައިރީގައިވެސް. ފަހަރުގައި މައާލްގެ ބައްޕަގެ ފުށުން އެނގިފަވެސް އެވެދާނެ ދޯ." ރާދިން ބުނެލިއެވެ.

"އާނ. ބުނެލާނަން." ހީނލަމުން މާހިލް ބުނެލިއެވެ. ދެމީހުން އޮފީހާ ދިމާލަށް ހިނގައިގަތް ވަގުތު ރާދިންގެ ނަމުން މީހަކު ގޮވާލުމާއެކު، ދެމީހުންނަށްވެސް އެ ދިމާލަށް ބަލައިލެވުނެވެ.

"މާހިލް ގޮސްލިޔަސް އޯކޭ. އަހަރެން މި އަންނަނީ." މާހިލް ފޮނުވާލާފައި ރާދިން އޭނާއާ ކުރިމަތިލިއެވެ.

(ނުނިމޭ)