އީރާނުގައި މީހަކު ބަޑިން ހަމަލާދީ އަމިއްލަ އާއިލާގެ 12 މީހަކު މަރާލައިފިއެވެ.

އީރާނުގެ ދެކުނު އިރުމަތީގައި އޮންނަ އަވަށެއްގައި ހިނގި އެ ހާދިސާގައި އުމުރުން 30 އަހަރުގެ މީހަކު ވަނީ އޭނާގެ ބައްޕައާއި ބޭބެ ހިމެނޭހެން އާއިލާގެ 12 މީހަކު މަރައިލައިފައެވެ. އޭނާ އެ ހަމަލާދިނީ އާއިލީ މައްސަލައެއްގައި ކަމަށް މިޑިއާތަކުން ރިޕޯޓުކުރެއެވެ.

އެއީ މިފަދަ ހަމަނުޖެހުމެއްގައި އެހާ ގިނަ އަދަދެއްގެ މީހުން އީރާނުގައި މަރުވި ފުރަތަމަ ފަހަރެވެ.

ކުރިން 2016 ވަނަ އީރާނުގެ ދެކުނުގައި ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގައިފައެވެ. އެގޮތުން 26 އަހަރުގެ މީހަކު ވަނީ ބަޑިން ހަމަލާދީ އޭނާގެ އާއިލާގެ 10 މީހުން މަރައިލައިފައެވެ.

އޭގެ ފަހުން 2022 ވަނަ އަހަރު ސަރުކާރު ވަޒީފާއިން ވަކިކުރި މުވައްޒަފަކު ވެސް ވަނީ ބަޑިން ހަމަލާދީ ތިން މީހުން މަރާލައިފައެވެ. އަދި، އަމިއްލައަށް މަރުވުމުގެ ކުރިން އިތުރު ފަސް މީހަކަށް ވަނީ ހަމަލާދީފައެވެ.

އީރާނުގެ އެ ސަރަހައްދުގައި އާންމުން ބޭނުންކުރަން ހުއްދަ ދީފައި އޮންނަނީ ހަމައެކަނި ޖަނަވާރު ޝިކާރަކުރަން ބޭނުންކުރާ ހަތިޔާރެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އީރާނުގެ އިންފްލޭޝަން މަތިވެ، ވަޒީފާނެތް މީހުންގެ ނިސްބަތް ވެސް ވަނީ އިތުރުވެފައެވެ. އެއާއެކު އިގުތިސާދީ ގޮތުން ހީނަރުވެ ގައުމުގައި ހަމަނުޖެހުންތައް އުފެދޭ މިންވަރު ވަނީ އިތުރުވެފައެވެ.