ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ޝައުގުވެރިވާ، މާލެ އިން އުތުރުގެ ރަށްތަކަށް އެކަމަށް އެދުމުގެ ފުރުސަތު އެގްރިކަލްޗަރު މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގައި ފާހަގަކުރާ ހަތަރު ވަނަ ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން އެކަމަށް ބޭނުންވާ ފޯމް ފުރުމަށް ފަހު އެމިނިސްޓްރީ އަށް ހުށައަޅަން ޖެހޭނެ ކަމަށެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އިން ބުނެފައި ވަނީ މި ފަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ، މާލޭން އުތުރުގެ ރަށްތަކަށް ކަމަށާއި އަދި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން މި އަހަރު ޝައުގުވެރިކަން ފާޅުކުރާ ރަށަކީ ކުރިން އެފަދަ ދުވަހެއް، އެ ރަށެއްގައި ފާހަގަކޮށްފައިވާ ރަށަކަށް ވެގެން ނުވާނެ ކަމަށެވެ.

"... މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ފުރުސަތު ހުޅުވާލަނީ އުތުރުގެ ރަށްތަކަށް. ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ހުށައަޅާ ރަށަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް. ހަމަ މި އަހަރު އެ ރަށުގައި ފާހަގަކުރާ ރަށަކަށް ނުވުމާއި އެ ރަށެއްގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރިތާ މަދުވެގެން ފަސް އަހަރު ވެފައިވާ ރަށަކަށް ވުން،" އެގްރިކަލްޗަރު މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެ އެވެ.

އެގްރިކަލްޗަރު މިނިސްޓްރީން ބުނެފައި ވަނީ ދަނޑުވެރިންގެ ދުވަސް ބާއްވާ ރަށެއްގެ އުމުރާނީ ތަރައްގީ އަށް މާލީގޮތުން އެހީތެރިވެދިނުމުގެ ބަދަލުގައި މިފަހަރު އެހީތެރިވެދޭނީ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޓަކައި އެ ރަށެއްގައި ހުރިކަންކަން ކުރުމަށް ކަމަށެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރާދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމަށްވާ އޮކްޓޫބާރުމަހުގެ 16 ވަނަ ދުވަހެވެ.