12:28


ނ. މިލަދޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރުމަށް 29.2 މިލިއަން ރުފިޔާގެ މަޝްރޫއެއް ސަރުކާރުން، ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.


ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނ. މިލަދޫގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 100 ޕަސެންޓް ސަރުކާރު ކުންފުންޏެއް ކަމަށްވާ، ވާކާސް ކޯޕަރޭޝަން ލިމިޓެޑާ އެވެ. އަދި މިކަށްޓަކައި މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ހައުސިން މިނިސްޓްރީގެ ނައިބް އަކްރަމް ކަމާލުއްދީނެވެ. އަދި ވޯކާސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ޖާވިދެވެ.


އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ނައިބް އަކްރަމް ކަމާލުއްދީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިލަދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުގެ މަސައްކަތް ހަވާލުކުރުމަށް ވޯކާސް ކޯޕަރޭޝަނާ ހަވާލުކޮށްފައި ވަނީ މިކަމަށް ބޭނުންވާ ހުރިހާ ސާވޭއެއް ހަދައިގެން ކަމަށެވެ.


މި ރަސްމިއްޔާތުގައި ވޯކާސް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓާ އަބްދުﷲ ޖާވިދު ވިދާޅުވީ މިލަދޫގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރެވެމުންދަނީ އީއައިއޭ ރިޕޯޓް ހެދުމުގެ މަސައްކަތް ކަމަށާއި އެމަސައްކަތް ނިމި ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ.


މަސައްކަތް ހަވާލުކުރާ ފާރާތުން މި އެއްބަސްވުމުގެ ސޮއިކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ކަމަށް އެބަސްވުމުގައިވެ އެވެ.