ބަތަލާއިންނަށް ހާއްސަ ކެރެކްޓާތައް ހިމެނޭ ފިލްމުތައް ފިލްމު އިންޑަސްޓްރީގައި މަދުން އުފައްދާތީ ކަންބޮޑުވާ ކަމަށް ބަތަލާ ނޯރާ ފަތޭހީ ބުނެފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު ސިނަމާ ތަކަށް ގެންނަން ތައްޔާރަށް އޮތް ފިލްމު "ކްރެކް"ގެ މުހިއްމު ރޯލަކުން ފެންނާނެ ބަތަލާ ބުނެފައިވަނީ މި ފިލްމުގައި ކުޅުނު ވަރަށް ގިނަ ސްޓަންޓް މަންޒަރުތައް ނެގުމުގައި ނޯރާ އެހީތެރިވި ކަމަށެވެ. ނޯރާ އަކީ ނެށުމުގެ ހުނަރު ލިބިފައިވާ މީހަކަށް ވުމުން ސްޓަންޓް މަންޒަރުތަކަށް އެހީތެރިވުމުގައި ވަރަށް ފަސޭހަވި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ވިދުޔަތު ޖަމާލް އަދި އަރުޖުން ރާމްޕާލް މުހިއްމު ރޯލުތަކުން ފެންނާނެ "ކްރެކް"އަކީ ސްޓަންޓް ސީންތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރު ވިދުޔަތު ޕްރޮޑިއުސަރެއްގެ ރޯލް ވެސް އަދާ ކުރާ ފިލްމެކެވެ.

ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި މީޑިއާއަށް މައުލޫމާތު ދެމުން ނޯރާ ބުނީ، ފިލްމު އިންޑަސްޓްރީގައި ނެށުމުގެ ހުނަރު ހުރި ވަރަށް ގިނަ އަންހެނުން މަސައްކަތްކުރާ ކަމަށެވެ. ނެށުމުގެ ހުނަރު ލިބިފައިވާ މީހުންނަށް ސްޓަންޓް ސީންތައް ކުޅުމަކީ ފަސޭހަކަމަކަށް ވާއިރު އަންހެނުންނަށް ހާއްސަކޮށްގެން އެފަދަ ރޯލްތައް ކުރިއަށް އޮތްތާ ސިނަމާއިން ފެންނާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ނޯރާ ވަނީ ބުނެފައެވެ.

ފިލްމު "ކްރެކް"ގެ މަންޒަރެއްގައި އެކްޓަރު ވިދުަޔަތު -- ފޮޓޯ/ އިންޓަނެޓް
ފިލްމުތަކަށް ކޮރިއަގްރާފަރެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމުގެ އިތުރުން ނޯރާ ވަނީ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ސްޓްރީޓް ޑާންސަ ތްރީޑީ" އަދި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ހިމެނެއެވެ.

ފިލްމު "ކްރެކް" ފަދަ ވަރުގަދަ މެސެޖެއް އޯޑިއަންސަށް ދެވޭ ފިލްމެއްގައި މަސައްކަތް ކުރުމަކީ ކުރެވުނު ވަރަށް ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި ނޯރާ ވަނީ ސިފަކޮށްފައެވެ.

މި ފިލްމަކީ އެކްޓަރު ވިދުޔަތުގެ ކެރިއަރުގައި ވެސް ކުޅުނު އެންމެ އުނދަގޫ ސްޓަންޓްތައް ހިމެނޭ ފިލްމު ކަމަށް އޭނާ ވަނީ ބުނެފައެވެ. އަރުޖުން ރާމްޕާލް ވިލެންގެ ރޯލުން ފެންނާނެ މި ފިލްމަކީ، ސިއްދު ނަމަކަށް ކިޔާ މީހަކު މުމްބާއީގެ ކުދިކުދި ތަންތަނުން ފެށިގެން ހަރުކަށި އަންޑަގްރައުންޑް ކުޅިވަރުގެ ދުނިޔެއަށް ކުރި ދަތުރު ދައްކުވައިދޭ ފިލްމެކެވެ.