17 Feb 2024, 22:34
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ވޯޓުގެ ކަންތަށް ހިނގާ ނުހިނގާ ގޮތް ބެލުމަށް އެ ކެންޑިޑޭޓެއްގެ މަސްލަޙަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބުން އައްޔަނު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވައިލައިފިއެވެ.
މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އައްޔަނު ކުރެވޭނީ ޝަރުތު ހަމަވާ އެއް މަންދޫބު ކަމަށެވެ.
ކެންޑިޑޭޓުން އައްޔަނު ކުރާ މަންދޫބުންގެ ކިބައިގައި ހުންނަށް ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން.
- އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައިނުވުން.
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން.
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
- ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުން.
- އިންތިޚާބީ ކުށެއް ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
މީގެ އިތުރަށް އިސީން ބުނީ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންނަަށް އީސީން ޑިޖިޓަލް ފާހެއް ދޫކުރާނެ ކަމަށެވެ. އަދި އެ މަންދޫބުން އީސީން ކުރިއަށްގެންދާ މައުލޫމާތު ސެޝަންތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މަންދޫބުން އައްޔަނު ކުރުމުގެ ފުރުސަތު އީސީން ހުޅުވައިލައިފައިވަނީ، އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00ގެ ނިޔަލަށެވެ.
މި ފޯމުތައް ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ނުވަތަ އިންތިޚާބާ ބެހޭ މަރުކަޒު ދަރުބާރުގެއިންނެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00އިން މެނދުރު ފަހު 3:00އަށާއި ހުކުރު ދުވަހު، މެންދުރުފަހު 03:00އިން ހަވީރު 05:00އަށް ފޯމް ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.
މަންދޫބުން އައްޔަނު ކުރުމަށް ފޯމު ހުށަހެޅުމަށްފަހު އެ ފޯމު ލިބިފައިވޭތޯ އީސީއަށް ގުޅައި ކަށަވަރު ކުރުމަށް އެ ކޮމިޝަނުން އެދެއެވެ.
މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 17ގައެވެ. ނަމަވެސް އެ ތާރީޚު ރޯދަމަހާ ދިމާވާތީ، އިންތިޚާބުތައް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެހެންވެ، އެ އިސްލާހު ތަންފީޒުވުމުން، އިންތިޚާބު ރޯދައިގެ ފަހަށް ލަސްވާނެއެވެ.