01 Jun 2012, 13:44
މިންސްކް (ޖޫން 1): ރިޔާސީ ތިން ވަނަ ދައުރެއްގައި ރަޝިޔާގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް ވްލަޑިމޭރު ޕޫޓިން، ބިލަރޫސް އަށް ވަޑައިގެންފި އެވެ.
ބިލަރޫސް އަކީ ކުރީގެ ސޮވިއެޓްޔުނިޔަންގެ ޤައުމުތަކުގެ ތެރެއިން ރަޝިޔާއާ އެންމެ ގުޅުންތައް ބޮޑު ޤައުމެވެ. އަދި މިއީ ކުރީގެ ސޮވިއެޓްޔުނިޔަންގެ ޤައުމުތަކުގެ ތެރެއިން އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުގެ ފިއްތުންތައް ވެސް އެންމެ ބޮޑަށް އަމާޒުވެފައިވާ ޤައުމެވެ. އިއްޔެ ހަވީރު ބިލަރޫސްގެ ވެރިރަށް މިންސްކް އަށް ޕޫޓިން ވަޑައިގަތުމުން އޭނާ އަށް މަރްޙަބާ ދެންނެވީ ރައީސް އެލެގްޒެންޑާ ލުކަޝިންކޯ އާއި އޭނާގެ ކެބިނެޓެވެ.
މިއަދު ދެ ބޭފުޅުންގެ ދެމެދުގައި ބޭއްވި ސިޔާސީ މަޝްވަރާތަކުގައި "ބެލަރޫސްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށާއި އެޤައުމާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ސިޔާސީ މަޤްސަދްތައް ޙާސިލްކުރުމަށް ބޭރުގެ ބާރުތައް ކުރަމުންގެންދާ މަސައްކަތަކާ ދެކޮޅަށް ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް" ޕޫޓިންއާއި ލުކަޝިންކޯ އެއްބަސްވެ ވަޑައިގެންނެވި އެވެ. މިއީ އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދަށް އެ ދެ ބޭފުޅުން ކުރެއްވި އިޝާރާތެއްކަމަށް ވަނީ ބެލެވިފަ އެވެ. އަދި ބިލަރޫސްގެ އިޤްތިސާދު ހަރުދަނާކުރުމަށް ޓަކައި 440 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް އެ ޤައުމަށް ދިނުމަށް ވެސް ޕޫޓިން ނިންމެވި އެވެ.
ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރުގައި ބިލަރޫސްގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ލުކަޝިންކޯ މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ ރިޔާސީ ހަތަރު ވަނަ ދައުރެވެ. ލުކަޝިންކޯގެ ސަރުކާރުން އެޤައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް މަސައްކަތްކުރާ ކަމަށްބުނެ ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާއިންވަނީ އެޤައުމާދެކޮޅަށް ދަތިކުރުމުގެ އެތަށް ފިޔަވަޅުތަކެއް އަޅާފަ އެވެ.
ހުޅަނގުގެ މިފިއްތުންތަކާ ކުރިމަތިލުމަށްޓަކައި ރަޝިޔާއާ އެޤައުމު އެއްކޮށްލުމުގެ އިއްތިޙާދީ އެއްބަސްވުމެއްގައި ދެޤައު ދާދިފަހުންވަނީ ސޮއިކޮށްފަ އެވެ. މިއެއްބަސްވުމުގެ ދަށުން ބިލަރޫސްގެ ޙިމާޔަތުގައި ތެދުވުމުގެ ފުރްސަތު ރަޝިޔާއަށް ވަނީ ލިބިފަ އެވެ. (އަލްޖަޒީރާ)