ވޮޝިންގޓަން (ޖޫން 1): ސޫރިޔާއާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅެއް އަޅަންޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ވާހަކަ ދައްކަވައިފި އެވެ.

ވޮޝިންގްޓަންގައި ދެއްވި ބަޔާނެއްގައި ޕެނެޓާ ވިދާޅުވީ ސޫރިޔާގެ މިހާރުގެ ޙާލަތަކީ ޤަބޫލުކުރެވޭނެ ޙާލަތެއް ނޫން ކަމަށާއި އެ ޙާލަތު ބަދަލުކުރަން ޖެހިފައިވާ ކަމުގައެވެ. ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަތުން ހުއްދަކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމަށް އެމެރިކާ ނުކުޅެދިފައިވާ އިރު ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަތުމާ ބެހޭ ގޮތުން ޕެނެޓާ ވިދާޅުވީ މިފަދަ ޤަރާރަކާނުލާ ސޫރިޔާ އަށް ވެދެގަތުމުގެ ތަސައްވުރެއް ނުގެންގުޅުއްވާ ކަމުގަ އެވެ.

ޗައިނާ އާއި ރަޝިޔާއިން ވަނީ ސޫރިޔާއަށް ޢަސްކަރީގޮތުން ބޭރުގެ ފަރާތެއް ވަނުމާދެކޮޅުކަން ހާމަކޮށްފަ އެވެ. ސޫރިޔާއާދެކޮޅަށް ސަލާމަތީ މަޖިލީހުގައި ފާސްކުރަން އެމެރިކާ މަސައްކަތްކުރި ދެޤަރާރާދެކޮޅަށް ވެސް ޗައިނާ ރަޝިޔާ ވީޓޯ ކޮށްފައިވާތީ ސޫރިޔާގެ މައްސަލާގައި އެމެރިކާގެ ދެއަތްވަނީ ބަނދެވިފައިވާ ކަމަށް މުރާސިލުން ސިފަކުރެ އެވެ. މިދިޔަ ހުކުރު ދުވަހު ސޫރިޔާގެ ޙަވްލާގައި ހިންގާފައިވާ ޤަތްލުޢާންމަށް ފަހު ހުޅަނގުން ވަނީ ސޫރިޔާގެ ރައްޔިތުން ޙިމާޔަތްކުރުމަށް ކަމަށްބުނެ އެޤައުމަށް ޢަސްކަރީ ގޮތުން ވެދެގަތުމުގެ ވާހަކަ ދައްކަންފަށާފަ އެވެ.

ބޭރުގެ ބާރެއް ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގެންފި ނަމަ ސޫރިޔާގައި މިހާރު ހިނގާ ހަމަނުޖެހުންތަކުގައި މަރުވާ މީހުންގެ އެތައް ގުނައެއް މަރުވެ ޢިރާޤަށް އެމެރިކާ އަރައިގަތުމުންވީ ދެރަނިކަމެތި ގޮތްތައް ސޫރިޔާއަށް ވެސް ވެގެންދިޔުމުގެ ބިރު އެބައޮތް ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (އަލްޖަޒީރާ)