17 Feb 2024, 12:37
އިނގިރޭސި އެފްއޭ ވޮމެންސް ސުޕާ ލީގުގައި މެންޗެސްޓާ ސިޓީ ވޮމެން އާއި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވޮމެން ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބުކޮށް ޗެލްސީއާ އަރާ ހަމަކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީ އިންނެވެ. ނަމަވެސް މި މެޗުގައި ޗެލްސީއަށް ސިޓީގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
ވޮމެންސް ސުޕާ ލީގުގެ މި ސީޒަންގައި މި ވަގުތު އެންމެ ގިނަ ބައެއް އިންތިޒާރު ކުރަމުންދިޔަ މި މެޗުގައި ސިޓީއިން މި ވަނީ އެ ޓީމަކީވެސް މި ފަހަރު ތައްޓަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއްކަން ސާބިތު ކޮށްދީފައެވެ.
މި މެޗުގައި ސިޓީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ އެ ޓީމުގެ ހުނަރުވެރި ފޯވަޑް ހަދީޖާ ޝޯއެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބު ކުރި 14 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ އުޅެނީ ލަނޑު ޗާޓުގެވެސް އެއްވަނައިގައެވެ. މީގެ އިތުރުން ވެސް ޝޯއަށް ވަނީ ސިޓީގެ ލީޑު ފުޅާކޮށްދޭނެ ރަނގަޅު ދެތިން ފުރުސަތު މި މެޗުގައި ލިބިގެން ގޮސްފައެވެ. އަދި ޗެލްސީއިން ވެސް ނުރައްކާތެރި ދެތިން ހަމަލާއެއް އުފައްދާ ލަނޑެއް ޖެހުމާވެސް ގާތަށް ގޮސްފައިވެއެވެ.
ނަމަވެސް ސިޓީގެ 19 އަހަރުގެ ޒުވާން ކީޕާ ހިއާރާ ކީޓިން ވަނީ މިހަމަލާތައް ދިފާއުކޮށްފައެވެ. ހާއްސަކޮށް މެޗު ނިމެން ގާތްވެފައިވަނިކޮށް އޭނާ ފުލުފުލުގައި ދިފާއުކުރި ދެ ހަމަލާ ފާހަގަ ވެގެންދިޔައެވެ. މި ކާމިޔާބީއާއެކު ސިޓީ ވެފައިވަނީ ވޭތުވެދިޔަ 22 މެޗުގައި ޗެލްސީގެ ދަނޑުގައި އެ ޓީމު ބަލިކުރި ފުރަތަމަ ޓީމަށެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ސިޓީ ވޮމެން މިހާރު އުޅެނީ ކުޅުނު 14 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ޗެލްސީ ވޮމެން އާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ނަމަވެސް އެ ޓީމު ދެވައިގައި އޮތީ ފައިދާ ލަނޑަށް ބަލާއިރުއެވެ.
ޗެލްސީއިން މަސައްކަތް ކުރަމުން ދަނީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ސުޕާ ލީގުގެ ތަށި މި ސީޒަންގައި ކާމިޔާބު ކުރާށެވެ. އެއީ އެ ޓީމުގެ ކޯޗް އެމާ ހެޔޭސްގެ ފަހު ސީޒަންގައި ކަމުގައި މި ސީޒަންގައި ފާހަގަ ކޮށްފައިވުމުން ކާމިޔާބު ސީޒަނަކާއެކު ހެޔޭސްއަށް އަލްވަދާއު ކިޔުމުގެ ބޭނުމުގައެވެ. ނަމަވެސް ފަހަކަށް އައިސް ސިޓީއިން ދައްކަމުންދާ ކުޅުމުގެ ސަބަބުން މިފަހަރު ޗެލްސީއަށް ލީގު ދިފާއު ކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް މި ދަނީ ބެލެވެމުންނެވެ.