ރާއްޖޭގައި ދެވަނަ ފަހަރަށް ބާއްވާ މާކެޓާސް ސަމިޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރީތަކުގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ދާއިރާތަކުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް އަމާޒުކޮށްގެން މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 23 އަދި 24ވަނަ ދުވަހު އެމްއެންޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.

މި އަހަރުގެ ސަމިޓުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ "މަސްނުއީ ތޫނުފިލިކަމާއިއެކެ މާކެޓިން ދާއިރާއަށް އަންނަމުންދާ ބަދަލުތައް،" ކަމަށް ސަމިޓްގެ އޯގަނައިޒިން ޓީމުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން މި ސަމިޓުގައި މާކެޓިން ދާއިރާގެ އެންމެފަހުގެ އަދާހަމަކުރުންތަކާއި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ބޭނުންކުރަމުން އަންނަ ތަފާތު އެކި ސްޓްރެޓަޖީ އަދި ޓޫލްސްތައް ވަރަށް ފުރިހަމައަށް ފެންނާނެކަމަށް ސަމިޓުގެ އޯގަނައިޒިންގް ޓީމުން ވަނީ ހާމަކޮށްފައެވެ.

ދެ ދުވަހަށް ބަހައިލައިގެން ކުރިއަށް ގެންދާ މި ސަމިޓުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕެނަލް ޑިސްކަޝަންތަކާއި މި ދާއިރާއާ ގުޅުންހުރި އެކިއެކި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

އަދި ވޯކޮޝްޕްތަކެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް ސަމިޓުގެ އޯގަނައިޒިންގް ޓީމުން ވަނީ ބުނެފައެވެ.

މި ސަމިޓުގައި ބައިވެރިވާ ރާއްޖެއިން ބޭރުގެ 10 ތަޖުރިބާކާރުންގެ ތެރޭގައި މާކެޓިންގެ ދާއިރާގައި 18 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ކީނޯޓް ސްޕީކަގެ ގޮތުގައި ޑރ. ރޮހާންތަ އަތުކޮރުލަގެ އިތުރުން ސްރީ ލަންކާގެ މަޝްހޫރު އިންފްލުއެންސައެއް ކަމަށްވާ ލޮޗާނާ ޖަޔަކޮޑީ، ލެންގުއޭޖް ސްޕެޝަލިސްޓްއެއް ކަމުގައިވާ މޮރޮކޯގެ ބެންޒީނާ ކަޢުޘަރުގެ އިތުރުން ތަޖުރިބަކާރު އިކޯ-ވޯރިއައެއް ކަމަށްވާ ޔޫއޭއީގެ ސިންތިޔާ މައެކް ވެސް މި ސަމިޓުގައި ވާހަކަފުޅު ދައްކަވާނެ ކަމަށް އެ ޓީމުން ވަނީ އިއުލާނުކޮށްފައެވެ.

މި އަހަރުގެ ދަ މާކެޓާސް ސަމިޓްގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި މި އައު އިޖާދީ ޓެކްނޮލޮޖީގެ ސަބަބުން މާކެޓިންގ ޓްރެންޑްސް އަދި ޑައިނަމިކްސްއަށް ކުރާ އަސަރުގެ މައްޗަށެވެ.

ދިރާގަކީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދޭ ކުންފުންޏެކެވެ.