ޣައްޒާގައި ހުންނަ އަލް ނަސީރު ހޮސްޕިޓަލަށް އިސްރާއީލު ފައުޖުތަކުން ވަދެފައިވާއިރު، އޮކްސިޖަން ނެތުމުގެ ސަބަބުން، އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

ނަސީރު ހޮސްޕިޓަލަކީ ޣައްޒާގައި މިވަގުތު ހިދުމަތްދޭ މަދު ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލެވެ.

"އިންޓެންސިވް ކެއާ ޔުނިޓުގެ ފަސް ބަލިމީހުން ނިޔާވެފައިވަނީ ޖަނަރޭޓަރުތައް ހުއްޓި އޮކްސިޖަން ސަޕްލައި ކެނޑުމުގެ ސަބަބުން." ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ޔުނިޓުގައި އިތުރު ހަތަރު ބަލި މީހުންނާއި ނާސަރީއަށް ލައިގެން ފަރުވާދޭ ތިން ކުޑަކުދިންގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށްވެސް ސިއްހީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި އެ ހޮސްޕިޓަލް މިހާރު އޮތީ އިސްރާއިލު ފައުޖުތަކުގެ ކޮންޓްރޯލުގެ ދަށުގައި ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އިސްރާއީލު ސިފައިން ހޮސްޕިޓަލަށް ވަދެފައިވާއިރު، ބަލި މީހުންނާއި މުވައްޒަފުން އަދި އާންމުން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ހޮސްޕިޓަލް ތެރޭގައި ތިއްބެވެ.

އިސްރާއިލު ފައުޖުތަކުން ހޮސްޕިޓަލް ތެރެއަށް ވަނީ ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލުގެ އާންމުން ހޮސްޕިޓަލްތެރޭގައި ތިބި ކަމަށް ބުނެއެވެ. ނަމަވެސް އެފަދަ އެއްވެސް މީހަކު ހޮސްޕިޓަލްގައި ނެތް ކަމަށް އިސްރާއީލުން ފަހުން ވަނީ ހާމަކޮށްފައެވެ. އޭގެފަހުން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ރަހީނުންގެ ނަންތައް ޖަހައިފައިވާ ބޭސްތަކެއް ހޮސްޕިޓަލް ތެރެއިން ވަނީ ފެނިފައެވެ.

އިސްރާއީލު ސިފައިންގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ބަޔަކުވެސް ނަސީރު ހޮސްޕިޓަލްގެ ގޯތިތެރޭގައި އެބަތިއްބެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 28،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.