16 Feb 2024, 21:57
ރަހުނަކާ ނުލައި، ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ނެގޭ ގޮތަށް ފަރުމަސްވެރިންނަށް ޚާއްސަ ލުއި ލޯނު ސްކީމު ފިޝަރީޒް މިނިސްޓްރީން މިރޭ ތައާރަފްކޮށްފިއެވެ.
ށ. ކޮމަންޑޫގައި އެ ކަމަށް ޓަކައި މިރޭ އޮތް ހަފުލާގައި މި ލޯނު ސްކީމު އިފްތިތާހުކުރުމަށްފަހު ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، މި ލޯނު ސްކީމަކީ ފަރުމަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ޚާއްސަ ފުރުސަތެއްކަމަށެވެ.
މިއީ ފުޅާ ދާއިރާއެއްގައި ކުރާ މަސްވެރިކަމުގެ ބާވަތެއް ނަމަވެސް މި ކަމަށް ސަރުކާރުގެ އެއްބާރުލުން އަދި ވަރަށް ބޮޑަށް ދޭންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ލޯނު މެދުވެރިކޮށް މަސްވެރިކަމަަށް ބޭނުންވާ ދޯނި ބަނުމާއި، އެ ކަމަށް ބޭނުންވާ ވަސީލަތް ހޯދުމާއި، އެ ކަން ކޮށްގެން މަސްވެރި އުފެއްދުންތައް އުފައްދަން ވެސް ފައިނޭންސިން އެހީ ފޯރުކޮށްދޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ފަރުމަސްވެރިންނަށް ޚާއްސަ އައިސްޕްލާންޓުތައް ގާއިމްކުރުމަށް ވެސް އެހީ ދޫކުރާނެކަމަށް
"މި ހުޅުވައިލި ފުރުސަތާއެކު މިފަދަ ކުދި އައިސްޕްލާންޓުތަކަށް ވެސް އިންވެސްޓުކުރުމުގެ ނުވަތަ އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް މި ލޯނުގެ އެހީތެރިކަން އިރާދަކުރެއްވިއްޔާ ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފަރުމަސްވެރިކަމަށް ޚާއްސަ މިހާރުގެ މި ލޯން ސްކީމުގައި މީގެ ކުރިން ރަހުނު ނުބަހައްޓާ ފަސްލައްކަ ރުފިޔާއާ ހަމައަށް ލިބޭ ލޯނުގެ އަދަދު ހަތް ލައްކައަށް އިތުރުކޮށްފައިވާ ކަމަށެވެ.
"އެހެންނަމަވެސް މި ފަހަރު އަޅުގަނޑުމެންނަށް މި ފަރުމަސްވެރިކަމަށް މި ހުޅުވައިލެވޭ ލޯނުގައި، އައިސްޕްލާންޓުގެ ވާހަކައެއް ނޫން މި ދައްކަނީ، ފަރުމަސްވެރިކަމަށް، ހަތް ލައްކަ ރުފިޔާއާ ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯނު ލިބުމުގެ ފުރުސަތު އަދި އެ ލޯނަކީ އެއީ ވަަރަށް ލުއި ގޮތަކަށް ލިބޭ ލޯނެއްކަން އަޅުގަނޑުމެންނަށް މި އެނގެނީ،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެއާއެކު މިނިސްޓަރުު ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން، މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ ދިނުމަށް ޓަކައި ޚާއްސަ އިސްކަމެއްދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް އެންމެ އިސްކަންދެއްވާ އެއް ކަންތައްކަމަށް ފާހަގަކުރެއްވިއެވެ.
މިރޭވަނީ މަސްވެރިންގެ ދަފުތަރު ވެސް އިފްތިތާހުކޮށްފައެވެ.