އުސްފަސްގަނޑާއި ގުޅޭ ގޮތުން ސިވިލްކޯޓުން ނެރުނު ދެއަމުރު ތަންފީޒުކުރުން ފަސްކުރަން ހައިކޯޓުން އަމުރު ކޮށްފި އެވެ.

ހައިކޯޓުން މިއަދު ހެދުނު 9:00 ޖެހިއިރު ނެރެފައިވާ ދެއަމުރެއްގައި ބުނަނީ އުސްފަސްގަނޑު ސަރަހައްދު ރޫލާލުން ހުއްޓާލުމަށާއި އަދި އެސަރަހއްދު ރޫލާލައި ފުލުހުން ގެންދިއަ ތަކެތި މިއަދު 10:00ކުރިން އެތަނަށް ގެންގޮސް އަނބުރައި އެމްޑީޕީއާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ނެރެފައިވަ ދެ އަމުރު ދައުލަތުން އެކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށެވެ. އެހެންކަމުން ދައުލަތުން އިސްތިއުނާފުކުރި މައްސަލައާއި މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެއަމުރު ތަންފީޒުކުރުން ފަސްކުރުމަށާއި އެދެ އަމުރާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރު ކުރާ ކަމަށެވެ.

"...ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ދިވެހި ރާއްޖޭގެ ހައިކޯޓަށް ހުށައަޅާފައިވާތީ އެއަމުރާއި މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކިގޮތަކަށް އަންގަންދެން އެއަމުރު ތަން ފީޒުކުރުން ފަސްކުރުމަށާއި އެއަމުރާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި އަމުރު ކޮށްފީމެވެ،" ހައިކޯޓުން ނެރެފައިވަ ދެ އަމުރުގައި ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ ހައިކޯޓުން އެގޮތަށް އަމުރުކުރުމުން އުސްފަސްގަނޑަށް އެރުމަށް ފުލުހުންނަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އުސްފަސްގަނޑާމެދު އަމަލުކުރަންވީ ގޮތަކާ މެދު މިހާރު ވިސްނަމުން އަންނަކަމަށް ވެސް ހަނީފު ވިދާޅުވި އެވެ.

"އުސްފަސްގަނޑާއި ގުޅޭ ގޮތުން އަމަލުކުރަން ވީ ގޮތާއި މެދު ފުލުހުން އަންނަނީ މިހާރު ވިސްނަމުން،" ހަނީފު ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހުންވަނީ އެތަނުގައި ޖިނާއީ ކުއްތަކެއް ހިންގަމުންދާކަމަށް ބުނެ އެތަން ރޫޅާލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމްޑީޕީން އެ މައްސަލަ ސިވިލްކޯޓަށް ވެއްދުމުން އެ ކޯޓުން ވަނީ އުސްފަސްގަނޑު ރޫޅާނުލުމުގެ ވަގުތީ އަމުރެއްނެރެފަ އެވެ. ފުލުހުން އުސްފަސްގަނޑުން ގެންދިޔަ ތަކެތި އެމްޑީޕީއާ އަލުން ހަވާލުކުރުމަށް ސިވިލްކޯޓުން ފުލުހުންގެ މައްޗަށް ރޭވެސް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ވެސް ފުލުހުން ގެ ވެހިކަލެއް އުސްފަސްގަނޑު ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް އެތަނުގައި ތިބިބަޔަކު ވެހިކަލަށް ގާއުކުމާއި ގުޅިގެން ގާއުކި ބަޔަކު ހޯދުމުގެ މަސައްކަތްކުރަނިކޮށް އުސްފަސްގަނޑުގައި ތިބިބަޔަކު ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ކުރީރޭވެސް އެ ސަރަހައްދަށް ދިޔަ ފުލުހަކާއި ދިމާކޮށް އޭނާގެ ޓޯކީވެސް ވަނީ ފޭރިގެންފަ އެވެ.