ފުވައްމުލަކު ސިޓީގައި އިސްލާމީ ތައުލީމު ގިނަ ދަރިވަރުންތަކަކަށް އުނގަންނައިދެއްވި އެ ސިޓީގެ މުދައްރިސެއް ކަމަށްވާ އަބްދުﷲ ނަސީމް ރޭ ނިޔާވެއްޖެއެވެ.

ފުވައްމުލަކު ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީ "ސަން"އަށް ވިދާޅުވީ، ނަސީމަކީ ފުވައްމުލަކު ސިޓީގައި އިސްލާމް ކިޔަވައިދިނުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން، އެ ރަށުގެ ގިނަ ސުކޫލުތަކުގައި އިސްލާމް މާއްދާ ނަސީމް ކިޔަވައިދެއްވިކަން ފާހަގަކުރައްވައި ފިކުރީ ވިދާޅުވީ، ނަސީމް މުދައްރިސެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް އެ ސިޓީގެ މީހުންނަށް އިސްލާމީ އިލްމު އުނގަންނައިދިނުމުގައި އިސް ދައުރެއް އަދައިކުރެއްވިކަމަށެވެ.

"ވަރަށް ގިނަ ދުވަހު އިސްލާމް މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކޮށްދެއްވި ބޭފުޅެއް އެއީ. ދަރިވަރުންނަށް އިސްލާމް މާއްދާ އަދި ދީން ކިޔަވާ ދިނުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ބޭފުޅެއް،" ފިކުރީ ފާހަގަކުރެއްވިއެވެ.

ނަސީމްގެ ކިބައިން ތަރުބިއްޔަތުވި ކުދިންނަކީ އިސްލާމްދީނަށް ކަމޭހިތާ، އަޚްލާގު ރަނގަޅު ބައެއްގެ ގޮތުގައި ތަރުބިއްޔަތުވާ ކުދިންންތަކެއްގެ ގޮތުގައިނ ފިކުރީ، ނަސީމްގެ ދަރިވަރުން ސިފަކުރެއްވިއެވެ.

"ނަސީމްބެ ކިޔަވާ ދިން ދަރިވަރުނަކީ އިސްލާމީ ތަރުބިއްޔަތުގެ ގޮތުން ރަނގަޅު ބަޔެއް ގޮތުގައި ފެންނަނީ. އަދި ނަސީމްބެއަކީ ވަރަށް ކާމިޔާބު ރަނގަޅު ބޭފުޅެއް،" ފިކުރީ ވިދާޅުވިއެވެ.

ނަސީމް ނިޔާވެފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި އޭނާގެ ގޭގައި ކަމަށް ފިކުރީ ވިދާޅުވިއެވެ. އަދި އޭނާ ނިޔާވީ ބަލިކޮށް އުޅޭތާ ދުވަސްކޮޅެއް ފަހުން ކަމަށް ފިކުރީ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ނިޔާވުމާއެކު އެ ސިޓީގެ ގިނަ ރައްޔިތުން އަންނަނީ ހިތާމަފާޅުކުރަމުންނެވެ.