16 Feb 2024, 16:24
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ޑީސީޕީ)ގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީއާއި އޭސީޕީ އިސްމާއީލް ނަވީން މިއަދު އައްޔަން ކުރައްވައިފިއެވެ.
ވެރިކަން ބަދަލުވުމާ އެކު ޑީސީޕީގެ މަގާމުގައި ކުރިން ތިއްބެވި ޑީސީޕީ އަބްދުލް މައްނާން ޔޫސުފާއި ޑީސީޕީ އަލީ ރަޝީދު ވަނީ ރިޓަޔާކުރައްވައިފައެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭސީޕީ ފަރުހާދާއި އޭސީޕީ ނަވީނަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެން ޓެކްނޮލޮޖީ ޢަލީ އިހުސާނެވެ.
ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވި އޭސީޕީ ފަރުޙާދު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1991 މާރިޗު 30 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެއެވެ.

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފުލުހުން
އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑްގެ މަގާމުގައެވެ.
ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވި އޭސީޕީ ނަވީން ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި ހަތްވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 29 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެއެވެ.

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފުލުހުން
އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.
އަދި، މި ފަހަރު ޕޮލިސް ކޮމިޝަނަރު ކަމަށް ވެސް އޭނާ ކުރިމަތިލެއްވިއެވެ. އެކަމަކު، ޕޮލިސް ބޯޑުން ލަފާ ދިނީ ކޮމިޝަނަރު ކަމަށް ސީޕީ އަލީ ޝުޖާއު އައްޔަންކުރާށެވެ.
އެ ރަސްމިއްޔާތަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ސަލާމަތުގެ ދާއިރާގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެ ބޭފުޅުންގެ ހިއްސާ ބޮޑުވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. މިނިސްޓަރު ވަނީ ދެ ބޭފުޅުންނަށް މަރުހަބާ ދަންނަވައިފައެވެ.