01 Jun 2012, 02:17
އެމްޑީޕީން ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުންދާ އުސްފަސްގަނޑު ސަރައްހައްދުގައި ފުލުހުނާއި އާންމުނާއި ދެމެދު މިރޭވެސް ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ކުރިމަތިލުންތައް ހިނގަން ދިމާވީ މިރޭ މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ވެހިކަލެއް އުސްފަސްގަނޑު ސަރަހައްދުން ދަނިކޮށް އެތަނުގައި ތިބިބަޔަކު ވެހިކަލަށް ގާއުކައި ގެއްލުންދިންކަމަށް ބުނެ އެތަނުގައި ހުރި މީހަކު ހައްޔަރުކުރުމަށް ފުލުހުން އުސްފަސްގަނޑަށް އަރަން މަސައްކަތް ކުރުމުންނެވެ.
އެ ސަރަހައްދަށް އެންމެ ފުރަތަމަ ފުލުހުން ދިޔައީ މިރޭ 12:00 ޖަހާކަންހާއިރު އެވެ. ތިން ވެހިކަލެއްގައި އެސްއޯ ފުލުހުން އުސްފަސްގަނޑަށް އަރަން އުޅުމުން އުސްފަސްގަނޑުގައި ތިބި މީހުން ނިކުމެ ފުލުހުންވަނީ ފަހާލައިފަ އެވެ. އޭގެ ފަހުން ރަޔަޓް ގިޔަރުގައި ތިބި ފުލުހުން އެ ސަރަހައްދަށް ގޮސް އުސްފަސްގަނޑަށް އެރީ 1:00 ޖެހުމާއި ގާތްވެފައި ހުއްޓަ އެވެ. އެތަނުން އަންހެނަކާއި ފިރިހެނަކު ފުލުހުން ހައްޔަރުކުރި އެވެ.
އުސްފަސްގަނޑަށް ރަޔެޓް ފުލުހުން އެރުމުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ލޭހޫނުވެ ފުލުހުންނާއި ދިމާލަށް ބޭއަދަބީ ބަސްބަހުން މުހާތަބުކޮށްހަދާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން މިރޭ އުސްފަސްގަނޑަށް ދިޔައީ އެ ސަރަހައްދުން ފުލުހުންގެ ވެހިކަލަކަށް ހަމަލާދިން ބަޔަކު ހައްޔަރުކުރުމަށް ކަމަށެވެ. އަދި އެ ސަރަހައްދުން ދެ މީހަކު ހައްޔަރުކުރި ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅުންހުރި އިތުރު ބަޔަކު ހޯދަމުން އަންނަ ކަމަށެވެ.
އުސްފަސްގަނޑުގަިއ ތިބި ބައެއް މީހުން ބުނީ ފުލުހުން މަސައްކަތް ކުރަނީ އެމީހުންލައްވާ ގޯސްހެދުމަށްކަމަށާއި އެގޮތުން ފުލުހުން އެހިސާބަށް ގިނަގިނައިން އައިސް އެތަނުގައިތިބި މީހުނާއިދިމާއަށް ހުތުރު ބަހުން އެއްޗެތި ކިޔާހަދާފައިވާ ކަމަށެވެ.
"އެމީހުން މަސައްކަތްކުރަނީ އަހަރެމެން ލައްވާ ގޯށްހެދުމަށް، އަހަރެމެންގެ މީހުނަށް ވަރަށް ހުތުރު ބަހުން އެމީހުން ވާހަކަ ދައްކަ ހަދަނީވެސް،" އުސްފަސްގަނޑުގައި ހުރި އެމްޑީޕީގެ ސަޕޯޓަރަކު ބުންޏެވެ.
އިއްޔެރޭވެސް ވަނީ އުސްފަސްގަނޑުން ސަރަހައްދު ޕެޓްރޯލް ކުރަމުން ގެންދިޔަ ދެފުލުހަކު ހިފަހައްޓާ އެދެފުލުހުންގެ ގަޔަށް ވެލިޖަހައި އަތުގައިއޮތް ޓޯކީއެއް ފޭރިގެންފަ އެވެ. މިފަހަކަށް އައިސް ފުލުހުނަށް ހަމަލާދިނުން ވަނީ އާންމުކަމަކަށްވެފަ އެވެ. މިދިޔަ އަންގާރަ ދުވަހު އުސްފަސްގަނޑު ރޫޅާލަން މަސައްކަތް ކުރުމުން އޭގެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި އާންމުންނާއި އަދި ފުލުހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ.