ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެ ތެރޭ ހިމެނޭ މަހޭޝް ބާބޫއާ ކުރީގެ ބަތަލާ ނަމްރަތާ ޝިރޯދްކަރުގެ އަންހެން ދަރިފުޅު ސިތާރާ ސައިބަކްރައިމްގެ ޝިކާރައަކަށްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ އާއިލާއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން ވަރަށް ތުއްތު އިރުއްސުރެ ފެށިގެން ވެސް ސިތާރާއަކީ އާއްމުންގެ ސަމާލުކަން ހޯދަމުން އަންނަ ކުއްޖެކެވެ.

ސިތާރާގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހުޅުވުމަށްފަހު ގޮތް ނޭނގޭ މީހަކު ވަނީ ސިތާރާގެ ނަމުގައި ފައިސާގެ މުއާމަލާތްތަކެއް ވެސް ކޮށްފައެވެ. އިންޑިއާގެ މާދަޕޫރު ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ އައުމަށްފަހު ނެރުނު ހާއްސަ ބަޔާނެއްގައި އެދިފައިވަނީ، އާއްމުންގެ އެއްވެސް މީހަކަށް ސިތާރާގެ ނަމުގައި ދައުވަތެއް ގޮސްފިނަމަ އެކަން ވީހާވެސް އަވަހަށް ފުލުހުންނަށް އެންގުމަށާއި ގޮތްނޭނގޭ އެފަދަ މީހުންގެ މަޅިން ސަލާމަތްވެ ތިބުމަށެވެ.

ސިތާރާ މައިންބަފައިންނާ އެކެ-- ފޮޓޯ/ ފޭސްބުކް
އަމިއްލަ އިންސްޓަގްރާމް އެކައުންޓެއް މެދުވެރިކޮށް ސިތާރާ ކޮންޓެންޓް ތައްޔާރުކުރި ނަމަވެސް ދަރިފުޅުގެ ހުރިހާ ސޯޝަލް މީޑިއާ ޕޯސްޓުތަކާއި ހަރަކާތްތައް ވަރަށް ގާތުން ބަލާ ކަމަށް ސިތާރާގެ މަންމަ ނަމްރިތާ ކުރިން މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

ޢުމުރުން 12 އަހަރުގެ ސިތާރާއަކީ ކުޑައިރުއްސުރެ ވެސް ނެށުމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ސިތާރާގެ ގިނަ އަދަދެއްގެ ނެށުމުގެ ވީޑިއޯތައް ޕޯސްޓުކޮށްފައިވާއިރު ދާދިފަހުން ބައްޕަ މަހޭޝްގެ ފިލްމެއްގެ ލަވަޔަކުން ވެސް ސިތާރާ ވަނީ ފެނިފައެވެ.

މިދިޔަ އަހަރު އިންޑިއާގެ ގަހަނާ ބްރޭންޑް ޕީއެމްޖީގެ އެމްބެސެޑަރުކަމަށް ސޮއިކޮށްފައިވާ ސިތާރާއަށް މި ބްރޭންޑުން ލިބުނު ފުރަތަމަ މަހުގެ އާމްދަނީ ހަދިޔާކޮށްފައި ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދޭ ޖަމިއްޔާއަކަށެވެ. އިންޑިއާގެ މަޝްހޫރު މީހުންގެ ނަމުގައި ސޯޝަލް މީޑިއާ ފޭކް އެކައުންޓުތައް ހުޅުވުމަކީ ވަރަށް އާއްމުކަމެކެވެ.