މިރޭން ފެށިގެން ތިން ދުވަހުގެ މުއްދަތައް ބަނޑޮހުގައި ބާއްވާ އޯލް ޕާޓީ ޓޯކްސް، ނޫނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ފުރަތަމަ ސެޝަންވެސް ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވި ނިންމާލަން ޖެހިއްޖެ އެވެ.

ސަރުކާރުގެ އިސްނެގުމަކަށް ސިޔާސީ ބޮޑު ހަ ޕާޓީން ބައިވެރިވެގެން މިދިޔަ ފެބުރުއަރީ މަހު ފެށި ސުލްހައިގެ މަޝްވަރާތަކުގެ 10 ވަނަ ބައްދަލުވުން އޮތީ ނައިބު ރައީސް ވަހީދުއްދީން (ޑީން) ގެ ރިސޯޓް ރަށް، ބަޑޮސް އައިލެންޑް ރިސޯޓުގެ ކޮންވެންޝަން ހޯލްގައި މިރޭ 9:00 ން 11:30 އަށެވެ.

ސިއްރުކޮށްގެން ބާއްވާ އެ މަޝްވަރާތަކުގައި މިރޭ އޮތީ އެޖެންޑާގެ ފުރަތަމަ ނަމްބަރު ކަމަށްވާ "ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތައް ހައްލުކުރާނެ ގޮތްތަކަކާ" މެދު މަޝްވަރާކުރުމެވެ. ބައްދަލުވުމުގައި އުސްފަސްގަނޑުގައި ކޭމްޕް ޖަހައިގެން އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އެހެން ޕާޓީތަކުން ވަނީ އެ މައްސަލަ ފެންމަތިކުރައްވައި އެ ހަރަކާތްތައް ހުއްޓާލުމަށް ތަކުރާރުކޮށް އެމްޑީޕީއަށް ގޮވާލައްވަމުން ގެންދަވައިފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ހަރަކާތްތައް ހުއްޓާލުމާ މެދު ދެކޮޅު ހަދައި ސަރުކާރަކީ "ބަޣާވާތަކުން" އުފެދިފައިވާ ސަރުކާރެއް ކަމަށް ބުނެ އެމްޑީޕީގެ އިހުތިޖާޖުތައް ހުއްޓާނުލާނެ ކަމަށްބުނެފަ އެވެ. އެ ވާހަކަތަކާ ގުޅިގެން އެހެން ޕާޓީތަކުން އެ މައްސަލައިގައި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން އުޅުނުކަންވެސް ވަނީ އެނގިފަ އެވެ. އަދި "ބަޣާވާތް" އެ ބަސް މަޝްވަރާތަކުގައި ބޭނުން ނުކުރުމަށް ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އާދެވުނުކަމަށްވެސް ވަނީ އެނގިފަ އެވެ.

ދެން ބައްދަލުވުމެއް އޮންނާނީ މާދަމާ މެންދުރުފަހު އާއި ރޭގަނޑު އެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައިވެސް މަޝްވަރާ ކުރަން އެޖެންޑާކޮށްފައިވަނީ މިރޭވެސް ބަހުސްކުރި މައުލޫގެ މައްޗަށެވެ. ބަޑޮހުގެ މަޝްވަރާތަކުގެ އެންމެ ފަހު ބައްދަލުވުން އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ. އެ ބައްދަލުވުމުގައި ރައީސް މުހަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތައް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ހަވީރު ބަޑޮހަށް ފުރާވަޑައިގަތުމުގެ ކުރިން ޕާޓީތަކުގެ މަންދޫބުން ވިދާޅުވީ ވާހަކަތަކުން ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމާމެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. ވިލަރސް ވެރިޔާ އަހުމަދު މުޖުތަބާވެސް ވިދާޅުވީ ވާހަކަތައް ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ.

ހަ ކަމަކަށް މަޝްވަރާ ކުރަން އެޖެންޑާގައި ހިމަނާފައި ވާއިރު އެންމެ ކުރީގައި އޮތީ ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމާ މެދު މަޝްވަރާ ކުރުމެވެ. އަދި އެންމެ ފުލުގައި އޮތީ އިންތިހާބެއްގެ ތާރީހު ކަޑައަޅަން މަޝްވަރާކުރުމެވެ.

ދެން އިސްކަންދޭނެ ތަރުތީބަކީ ބަޖެޓްގެ ހާލަތާއި މިނިވަން މުއައްސަސާތަކުގެ މަގާމުތައް ބަދަލުކުރުމާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރުމަށާއި އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާ ގަވާއިދުތަކާ މެދުގަ އެވެ.