16 Feb 2024, 08:24
މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޓައިގާ3"ގެ ވިލެންގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓަރު އިމްރާން ހާޝްމީއަށް ތެލުގޫ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.
މި ފިލްމަކީ "ގުޑްއަޗާރީ2"ގެ ނަމުގައި ޑައިރެކްޓަރު ވިނޭ ކުމާރު އުފައްދާ ވަރަށް ވަރުގަދަ ސްޕައި ތުރިލާއެކެވެ.
އިމްރާންއާ އެކު ތެލުގޫ އެކްޓަރު އަދިވޭޝް ސޭޝް ވެސް މުހިއްމު ރޯލް ކުޅޭ މި ފިލްމުން ބަތަލާގެ ރޯލުން ފެންނާނީ 2018ވަނަ އަހަރު ވަރުން ދަވަންއާ އެކު ފިލްމު "އޮކްޓޯބަރު"އިން ފެނުނު ބަތަލާ ބަނީތާ ސާންދޫއެވެ. ތެލުގޫ އެކްޓަރު އަދިވޭޝް ސޭޝް އަކީ، 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މޭޖާ"އިން ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރެކެވެ.
ފިލްމު "ގުޑްއަޗާރީ2"ގެ މަސައްކަތް މިހާރު ފެށިފައިވާއިރު މިއީ އިމްރާންގެ ކެރިއަރުގައި އޭނާ ފެންނާނެ އެންމެ ވަރުގަދަ ސްޕައި ތުރިލާ ފިލްމުކަމަށް އެކްސް އެކައުންޓުގައި ވަނީ ބުނެފައެވެ.

އިމްރާން ހާޝްމީ ފިލްމު "އޯޖީ"ގެ ޝޫޓިންގްތެރޭ-- ފޮޓޯ/ އިންޓަނެޓް
ބޮލީވުޑްގެ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ އިމްރާން ހާޝްމީ ތެލުގޫ ފިލްމެއްގެ މަސައްކަތް ފަށާފައިވާއިރު އެކްޓަރު އަންނަނީ ތެލުގޫ ބަހުން އުފައްދާ އިތުރު އެހެން ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އެއީ، މަޝްހޫރު ތެލުގޫ އެކްޓަރު ޕަވަން ކަލްޔާންއާ އެކު ކުޅޭ އެކްޝަން ފިލްމު "އޯޖީ"އެވެ.
މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފިލްމު "ގުޑްއަޗާރީ2"އަކީ މީގެ ހަ އަހަރު ކުރިން ހަމަ އެ ނަމުގައި އުފެއްދި ތެލުގޫ ފިލްމުގެ ސީކުއަލްއެކެވެ. މި ފިލްމަކީ ތެލުގޫ އުފެއްދުމެއް ނަމަވެސް ފިލްމު ހިންދީ ބަހުން ފިލްމު ރިލީޒް ކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.