01 Jun 2012, 00:40
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ނަޝީދުގެ ފަރާތްޕުޅުން ފަހު ވަގުތު ނަމެއް ހުށަހަޅުއްވައިފި ކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.
ނަމަވެސް ސަރުކާރުން ވެސް އަދި އެމްޑީޕީ އިން ވެސް އެއީ ކޮން ބޭފުޅެއް ކަމެއް ނުބުނެ އެވެ.
ނަޝީދު އެންމެ ފަހުން ހުށަހެޅުއްވި، ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބުގެ ދަރިކަނބަލުން، މަރިޔަމް މަނާލް ޝިހާބުގެ ނަން ސަރުކާރާއި ކޮމަންވެލްތުން ގަބޫލުކޮށްފައި ވަނިކޮށް ނަޝީދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވައިފަ އެވެ.
ނަޝީދު މިހާތަނަށް ހުށަހަޅުއްވާފައިވާ 11 ބޭފުޅެއްގެ ނަން ސަރުކާރުން ވަނީ ގަބޫލުނުކޮށްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ ކޮމިޝަނަށް ހުށަހަޅުއްވާ ބޭފުޅުންނަކީ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ސިޔާސީ މަގާމެއް އަދާކޮށްފައިވާ މީހަކަށް ނުވުމުގެ އިތުރަށް ފުރަތަމަ ޑިގްރީ އޮންނަ މީހަކަށް ވާންވާނެ ކަމަށެވެ.
ކޮމިޝަނަށް ނަޝީދުގެ ފަރާތުން ހުށަހަޅުއްވާ ނަމެއް ލަސްވެގެން މި މަހު 31 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނޫން ނަމަ ސަރުކާރަށް އެ ފުރުސަތު ލިބޭ ގޮތަށް ކޮމަންވެލްތާއި ސަރުކާރާއި އެމްޑީޕީ އިން ވަނީ އެއްބަސްވެފަ އެވެ.