01 Jun 2012, 00:19
ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ތެރޭގައި މެންބަރުންތަކެއް ޑީއާރްޕީއަށް ސޮއިކުރައްވާނެ ކަމަށް އެ ޕާޓީ ބުނެފައި އޮތަސް އެކަމަކީ އެނގިވަޑައިގެންފައިވާ ކަމެއް ނޫން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
"އެންމެ ލުއިކޮށް ދަންނަވަންޏާ އަޅުގަނޑަށް ދެންނެ ވޭނީ އަޅުގަނޑަށް ވެސް އާ ވާހަކަތަކެކޭ. އަޅުގަނޑަށް އެނގި ހުރި މައުލޫމާތު ތަކެއް ނޫނޭ،" ދިޓީވީ ހަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިރޭ ތަސްމީން ވިދާޅުވި އެވެ.
ތަސްމީން އެހެންވިދާޅުވި އިރު، ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެފައި ވަނީ ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުވޭ އިރު، މަޖިލިސްގެ ހަތަރެއް ނުވަތަ ފަސް މެމްބަރަކު ޑީއާރުޕީ އަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި އެ މެންބަރުން ޑީއާރްޕީ އަށް ގުޅުމުގެ އަސްލަކީ ޕާޓީގެ ސިޔާސަތު ކާމިޔާބު ވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
~
ތަސްމީން ވިދާޅުވީ ޑީއާރްޕީ އަށް ތާއިދު އޮތް ވަރު އެނގޭނީ ރައްޔިތުންނަށް ކަމަށާއި އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ ފިކުރު ރައްޔިތުންނަށް "ވިއްކައި" ތާއިދު ހޯދުމަށް ޓަކައި ޕާޓީގެ ލީޑާޝިޕުން ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
ތަސްމީން ވިދާޅުވީ މިހާރު ޕާޓީގެ މެންބަރުންގެ އަދަދު 38،000 އިން 28،000 އަށް ތިރިވެފައިވާ ކަމަށާއި މެންބަރުންގެ އަދަދު މަދުވާން ދިމާވި ސަބަބަކީ ޕީޕީއެމް އުފެއްދުމާއި އެހެން ޕާޓީތަކުން މެންބަރުން އިތުރު ކުރުމަށް ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި މިހާރު މެންބަރުން ތިބި އަދަދަކީ 2008 ވަނަ އަހަރު ވެސް ޑީއާރްޕީ ރިޔާސީ އިންތިހާބުގައި ވާދަކުރި އިރު، މެންބަރުން އޮތް އަދަދު ކަމަށެވެ.
"އަޅުގަނޑު އެންމެ ފަހުން ބަލާލި އިރު، ގާތްގަނޑަކަށް 28،000 ކައިރިއަށް މެންބަރުން އެބަތިބި. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ޑީއާރްޕީގެ ކެނޑިޑޭޓްގެ ގޮތުގައި ނުކުމެވަޑައިގެންނެވި އިރު ވެސް، އެ ޕާޓީގައި ގާތްގަނޑަކަށް ތިބި އަދަދު. އެހެންނަމަވެސް ޕާޓީ އޮޕަޒިޝަން ޕާޓީއަކަށް ބަދަލުވެ، އަޅުގަނޑުގެ ލީޑާޝިޕްގައި ގާތްގަނޑަކަށް 10،000 މެންބަރުން އިތުރަށް ޕާޓީއާ ގުޅުނު،" ޕާޓީގެ މެންބަރުން ތިބި ނިސްބަތަށް އިޝާރާތް ކުރައްވައި ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ޕާޓީއާ އެކު ޑީއާރްޕީ ހަދާފައިވާ ކޯލިޝަން އަދިވެސް ދެމިއެބަ އޮތް ކަމަށާއި އެ ކޯލިޝަނަކީ 2013 ރިޔާސީ އިންތިހާބާ ދެ ޕާޓީން އެއްކޮށް މަސައްކަތް ކުރުމަށް ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ.