15 Feb 2024, 13:38
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުގުނަން ގަވާއިދަށް ގެނައި ބަދަލަކީ ގާނޫނު އަސާސީއާ ހިލާފު ބަދަލެއް ކަމަށް ބުނެ، ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މި މަހު 25ގައި ފަށަން ތާވަލުކޮށްފިއެވެ.
މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވުމާ އެކު މަޖިލީހުގެ ހަތް މެންބަރަކު ވަނީ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އާ 20 ވަނަ މަޖިލީސް ހޮވަން ކުޑަތަންވެފައި އޮތުމުން އިލެކްޝަންސް ކޮމިޝަނުން ނިންމީ، މި މުއްދަަތުގައި އެ ދާއިރާތަކަށް އާ މެންބަރަކު އިންތިޚާބު ނުކުރާށެވެ.
އެހެންވެ، މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު، ހުސްވެފައިވާ ދާއިރާތަކުގެ މެންބަރުން ނުގުނައި ގޮތަށް މަޖިލީހުގެ ގަވާއިދަށް ވަނީ ބަދަލުގެނެސްފައެވެ. އެކަމަކު، އެއީ، ގާނޫނު އަސާސީއާ ހިލާފު ބަދަލެއް ކަމަށް ބުނެ، އެ އިސްލާހު ބާތިލުކުރަން ސަރުކާރުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ގޮސްފައެވެ.
ބަންޑާރަނައިބުގެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހު 25 ގައި ބާއްވަން ތާވަލުކޮށްފައިވާ ކަމަށެވެ. އެ ދުވަހުގެ އަޑުއެހުން އޮންނާނީ ހެނދުނު 10:45 ގައެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ވެސް ނެރެފައެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުން ވަނީ އެ މަޖިލީސް ހިންގަންވީ ގޮތް ކޯޓަށް ނޭންގޭނެ ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ތަބާނުވާން ފާސްކޮށްފައެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ގަވާއިދަށް ގެނައި ބަދަލާ އެކު މި ދައުރު ނިމެންދެން މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލާނަމަ، އެ ދެ ޕާޓީގެ މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ.
އެހެންވެ، ސަރުކާރުން ވަނީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި ތިން އިސްލާހު ވެސް ބާތިލުކުރަން ސުޕްރީމް ކޯޓުގައި އެދިފައެވެ.
އެ މައްސަލައިގައި ނެރުނު ވަގުތީ އަމުރަށް ތަބާނުވާން މަޖިލީހުން ނިންމި ނަމަވެސް، އެ ދުވަހުގެ ޖަލްސާގައި ވާހަކަދެއްކެވި މެންބަރުން ވަނީ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުން، އެ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފު ގަވާއިދެއް ކަމަށް ނިންމައިފި ނަމަ، ގަވާއިދަށް އަމަލުނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވެރިކަން ބަދަލުވުމާ އެކު އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމުގެ ވާހަކަތައް އެކިއެކި މޭރުމުން ދައްކަވަމުންނެވެ. އަދި، އެ މަނިކުފާނު އަޒުލުކުރަން މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މިހާރު ސޮއި ވެސް ހަމަކޮށްފައިވާ ކަމަށް މެޖޯރިޓީ ޕާޓީ، އެމްޑީޕީން ވަނީ ބުނެފައެވެ.
އެ މައްސަލަ މިހާތަނަށް މަޖިލީހަށް ހުށަހަޅައިފައެއް ނުވެއެވެ. އެކަމަކު އެމްޑީޕީން ބުނީ، މި ދައުރުގައި އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.