ދަހޭގް (މެއި: (31އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ކުށުގައި ލައިބީރިޔާގެ ކުރީގެ ރައީސް ޗާލްސް ޓެއިލާ 50 އަހަރަށް ޖަލަށް ލުމަށް ދަހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ޙުކުމްކޮށްފި އެވެ.

ޓޭލާގެ މައްޗަށް ޙުކުމް އިއްވަމުން އެކޯޓުގެ ފަނޑިޔާރު ރިޗަޑް ލުސީކް ވިދާޅުވީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގަވާފައިވާފައިވާކަން ޗާލްސް ޓޭލަގެ މައްޗަށް ސާބިތުވާތީ އޭނާ 50 އަހަރަށް ޖަލުގައި ބަންދުކުރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވާ ކަމުގަ އެވެ. މިއީ ޗާލްސް ޓޭލާ ހިންގަވާފައިވާ ހުރިހާ ޖަރީމާތަކަށް އިއްވި އެއްޢުޤޫބާތުގެ މައްޗަށް ބިނާވެފައިވާ ޙުކުމެއް ކަމަށް ފަނޑިޔާރު ރިޗަޑް ލުސީކް ވިދާޅުވި އެވެ.

މިއީ ދެ ވަނަ ބޮޑުހަނގުރާމައަށް ފަހު ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގި ނޮރަންބާގް ޢަސްކަރީ ޝަރީޢަތަށް ފަހު ބައިނަލްއަޤްވާމީ ނިޒާމެއްގެތެރެއިން ޤައުމެއްގެ ކުރީގެ ރައީސެއްގެ މައްޗަށް އިއްވި މިފަދަ ފުރަތަމަ ޙުކުމެވެ. މިޙުކުމް އިއްވަންޖެހުނު ސަބަބު ބަޔާންކޮށްދެއްވަމުން ފަނޑިޔާރު ރިޗަޑް ލުސީކް ވިދާޅުވީ "އިންސާނީ ތާރީޚުގައި ހިންގާފައިވާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ އަނިޔާވެރި އެތައް ޖަރީމާއެއް ހިންގުމަށް މަގުފަހިކޮށް އެކަމަށް ހިއްވަރުދިންކަން ލައިބީރިޔާގެ ކުރީގެ ރައީސް ޗާލްސް ޓޭލަގެ މައްޗަށް ސަބިތުވާތީ އިއްވި ޙުކުމެއް" ކަމުގަ އެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަކުން އިން 2003 ށް ލައިބީރިޔާގައި ވެރިކަންކުރެއްވި ޗާލްސް ޓެއިލަރގެ މައްޗަށް ސާބިތުވެފައި ވަނީ އެޤައުމުގެ އަވަށްޓެރި ސީރަލިޔޯންގެ އަހްލީ ހަނގުރާމައިގެ ދުވަސްވަރުކަމަށްވާ 1991 ން 2001 ސީރަލިޔޯންގެ އިދިކޮޅު ޔުނިޓެޑް ރިވޮލިއުޝަނަރީ ފްރަންޓްގެ ހަނގުރާމަވެރިން އެމީހުންގެ ޤައުމުގައި ހިންގި މީހުން މެރުމާއި އަންހެނުން ރޭޕްކުރުމާއި ވައްކަންކޮށް ތަންތަން ލޫޓުވުމާއި މަގުފޭރުމުގެ ޖަރީމާތަކަށް ހިއްވަރުދީ އެމީހުންނަށް ހަތިޔާރާއި އެނޫންވަސީލަތްތައް ފޯރުކޮށްދިންކަމުގެ ކުށެވެ.

ސީރަލިޔޯންގެ އަހްލީ ހަނގުރާމައިގާ އެންމެ އަނިޔާވެރި ޖަރީމާތައް ހިންގާފައި ވަނީ 1996 ން 2001 އަށެވެ. މިމުއްދަތުގައި އެޤައުމުގެ އިދިކޮޅު ޔުނިޓެޑް ރިވޮލިއުޝަނަރީ ފްރަންޓްގެ ހަނގުރާމަވެރިންގެ ޙަމަލާތަކުގައި 120 ހާހަށް ވުރެ ގިނަ މީހުން މަރާލާފައިވާ އިރު މިގެތެރެއިން ގިނަ މީހުން މަރާލާފައި ވަނީ ވަރަށް ގާތުން އެމީހުންގެ ބޮލަށް ބަޑިޖަހައިގެންނާއި ކޯރާޑި އާއި ކަތިވަޅި ފަދަ ތަކެތި ބޭނުންކޮށްގެން އެމީހުންގެ ގުނަވަންތައް ބުރިކުރުން ފަދަ ވަރަށް އަނިޔާވެރިގޮތްތަކަށެވެ.

މިޖަރީމާތައް ހިންގި ލައިބީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އޭރުގެ ރައީސް ޗާލްސް ޓެއިލާ ޢަސްކަރީ ތަމްރީނާއި ހަތިޔާރާއި އެނޫންއެހީތައް ފޯރުކޮށްދެއްވީ ސިރަލިޔޯންގައިވާ އަލިމަހުގެ ޤުދްރަތީ ޚާޒާނާ އިން ނާޖާއިޒު ފައިދާ ހޯއްދެވުމުގެ ބޭނުމުގައި ކަމަށްވެ އެވެ.

ލައިބީރިޔާގެ ކުރީގެ ރައީސް ހިންގަވާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލާގައި އޭނާ ކުށްވެރިވެ ޙުކުމް އިއްވި ނަމަވެސް ޢިރާޤާއި އަފްޣާނިސްތާނުގެ އެތައް ލައްކަ ބައެއްގެ މަރުގެ ޒިންމާއާއި އެ ދެ ޤައުމުގައި އެމެރިކާ ހިންގާފައިވާ އެތައް ޤަތްލުއާންމެއްގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔުބުޝްއާއި އޭނާގެ ނައިބު ޑިކްޗޭނީއާއި ދިފާއީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑް ފަދަ ބޭފުޅުން ޙާޒިރުކޮށް އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގުމުގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުވަނީ ފޭލްވެފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ މިފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެވެރިންގެ މައްޗަށް ޝަރީޢަތް ހިންގުމުގައި ވެސް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުވަނީ ފޭލްވެފަ އެވެ.
(ނޫސްއެޖެންސީތައް)