15 Feb 2024, 06:48
މިދިޔަ އަހަރު ޒަވާޖީ ޙަޔާތެއް ފެށި ޕާކިސްތާނު މަޝްހޫރު ބަތަލާ މާހިރާ ޚާން ދެވަނަ ކުއްޖަކަށް ބަލިވެއިން ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރަމުންދާ ޚަބަރުތައް ބަތަލާ ދޮގުކޮށްފިއެވެ.
މާހިރާ ޚާން ދެވަނަ ކުއްޖަކަށް ބަލިވެއިނުމާ ގުޅިގެން ފަހުން ސޮއިކުރި ވަރަށް ގިނަ ފިލްމީ ޕްރޮޖެކްޓްތައް ދޫކޮށްލާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ނޫސް މަޖައްލާ ދަ އެކްސްޕްރެސް ޓްރައިބިއުންއަށް ދިން ހާއްސަ ސްޓޭޓްމެންޓެއްގައި މާހިރާ ބުނީ ބަލިވެއިން ކަމަށް ބުނެ ހާއްސަކޮށް އިންޑިއާގެ ބައެއް މީޑިއާތަކުން ފެތުރި ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރެއް ކަމަށެވެ. ބަތަލާ ދާދިފަހުން ނެޓްފްލިކްސްއާ ގުޅިގެން މަސައްކަތް ފަށާފައިވާ ވެބް ސީރީސްއިން ވަކިވި ޚަބަރު ވެސް ބައެއް މީޑިއާތަކުން ފަތުރާފައިވާ ކަމަށާއި އެހެންނަމަވެސް އެއްވެސް ފިލްމީ ޕްރޮޖެކްޓަކުން ވަކިވެފައި ނުވާނެކަމަށް މާހިރާ ވަނީ ބުނެފައެވެ.

މާހިރާ ޚާންގެ ކައިވެނީގެ ހަފްލާގެތެރެއިން ފިރިމީހާއާ އެކު -- ފޮޓޯ/ފެޝަންޓައިމްސް މެގަޒިން
ބޮލީވުޑްގެ ފިލްމަކުން ވެސް ފެނިފައިވާ ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމް ކަރީމްއާ އެކު ޒަވާޖީ ޙަޔާތެއް ފެށިއިރު މާހިރާގެ ފުރަތަމަ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ. ޢުމުރުން 14 އަހަރުވެފައިވާ އަޒްލާން އަކީ މާހިރާއާއި ކުރީގެ ފިރިމީހާ އަލީ އަސްގަރީގެ ހުރި ހަމައެކަނި ދަރިފުޅެވެ.
ޕާކިސްތާނުގެ އެންމެ ނުފޫޒު ގަދަ ބަތަލާ ބޮލީވުޑްގެ ކެރިއަރު ފެށީ އިންޑިއާގެ ކާމިޔާބު ފިލްމީ ތަރި ޝާހްރުކް ޚާންއާ އެކުގައެވެ. އިންޑިއާއާއި ޕާކިސްތާނުގެ ސިޔާސީ ކޯޅުންގަނޑާ ހެދި ބޮލީވުޑްގައި މަސައްކަތްކުރި ވަރަށް ގިނަ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ވަނީ ބޮލީވުޑް ދޫކޮށް އެނބުރި ޤައުމަށް ގޮސްފައެވެ.
ޕާކިސްތާނު ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތުމަށްފަހު މިދިޔަ އަހަރުތެރޭ އިންޑިއާގެ ހައިކޯޓުން ވަނީ އެކަން ބާތިލުކޮށް ޕާކިސްތާނު ތަރިންނަށް ވެސް އިންޑިއާގައި މަސައްކަތް ކުރުމުގެ ހުއްދަ އެބައޮތްކަން އިއުލާނުކޮށްފައެވެ.