15 Feb 2024, 06:54
މިދިޔަ އަހަރުގެ މެއި މަހު ސިނަމާތަކުގައި އެޅުވި ފިލްމު "ދަ ކެރެލާ ސްޓޯރީ" އަންނަ މަހުގެ 16ވަނަ ދުވަހު "ޒީ5"އިން ސްޓްރީމް ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދުނު މި ފިލްމަކީ، ޓެރަރިޒަމާ ދެކޮޅު ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ބަތަލާ އަދާ ޝަރުމާގެ އިތުރުން ޔޮގީތާ ބިހާނީ އަދި ސޯނިއާ ބާލާނީ ފަދަ ފިލްމީ ތަރިން ހިމެނޭ މި ފިލްމަކީ، ސުދިޕްތޯ ސެން ޑައިރެކްޓްކޮށް ވިޕުލް އަމްރުތްލާލް ޝާހް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ އިސްލާމްދީނާ ދެކޮޅު ތަސައްވުރެއް އުފައްދައި މުޖްތަމަޢު ބައިބައިކުރުމަށް އެއްބާރުލުންދެވޭ ފަދަ ގޮތަކަށް ބިނާކޮށްފައިވާ ފިލްމެއްކަމަށް ބުނެ ފިލްމު ރިލީޒްކުރި ދުވަސްވަރު އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި ފިލްމު ދެއްކުން ވަނީ މަނާކޮށްފައެވެ.

ފިލްމު 'ދަ ކެރެލާ ސްޓޯރީ"ގެ ބަތަލާ އަދާ ޝަރުމާ
އެހެންނަމަވެސް މި ފިލްމަކީ ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށްފަހު އުފެއްދި ފިލްމެއް ކަމަށާއި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކުރެވިފައި ވަނީ ބައެއް ޓެރަރިޒަމް ޖަމާޢަތްތަކުން އިސްލާމްދީން އައްޑަނައަކަށް ނަގައިގެން ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ކަމަށް ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ބުނެފައެވެ.
އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކުގައި "ދަ ކެރެލާ ސްޓޯރީ" ދެއްކުން މަނާކުރިއިރު މި ފިލްމަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދުނެވެ. ތިއޭޓަރުތަކުގައި ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބުނު މީހުން މި ފިލްމު ބަލާލަން ދެން މާ ގިނަ ދުވަހު އިންތިޒާރުކުރާކަށް ނުޖެހޭނެއެވެ.