15 Feb 2024, 06:58
މިހާތަނަށް އުފެދުނު އެންމެ މަގުބޫލު މިއުޒިކް ގްރޫޕްތަކުގެ ތެރޭގައި ހިމެނޭ ކޭޕޮޕް ގާލް ގްރޫޕް "ބްލެކްޕިންކް"ގެ މެމްބަރު ލިސާ މަނޮބަން ނުވަތަ ލިސާ އެކްޓިންއަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
ބްލެކްޕިންކްގެ ތަރީން މިދިޔަ އަހަރު ވަނީ އެ ގްރޫޕުގެ ދެވަނަ މިނީ އަލްބަމް ރިލީޒްކޮށްފައެވެ. އެއަށް ފަހު މެންބަރުން އެކި ކަންކޮޅުތަކުގައި ވަނީ އެކީގައި ޓުއާތަކެއް ދީފައެވެ. ނަމަވެސް މީގެ ކުރީން ވެސް މެންބަރުން ވަނީ އެކްޓިންގެ ތެރެއަށް ވަންނަން ފަށާފައެވެ.
ގްރޫޕުން އެންމެ ފުރަތަމަ އެކްޓިންގެ ތެރެއަށް ވަދެފައިވަނީ މެންބަރު ޖިސޫއެވެ. ޖިސޫ އެކްޓިން ޑެބިއު ކުރީ ކޮރިއަން ޑްރާމާއަކުންނެވެ. އެއަށްފަހު ކިމް ޖެނީއެވެ. ޖެނީ ޑެބިއޫ ކޮށްފައިވަނީ އެޗްބީއޯގެ އެންމެ ކޮންޓްރޮވާޝަލް ޝޯ ކަމަށްވާ "އައިޑޮލް" އިން މިދިޔަ އަހަރުގައެވެ.
މިހާރު ޑެބިއޫ ކުރަން ތައްޔާރުވަނީ ލިސާއެވެ. ލިސާ ވެސް ފެނިގެންދާނީ އެޗްބީއޯގެ ޝޯއަކުންނެވެ. އެގޮތުން ލިސާ ފެންނާނީ އެޗްބީއޯގެ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯ ކަމަށްވާ "ވައިޓް ލޮޓަސް"ގެ އާ ސީޒަނުންނެވެ.
ވައިޓް ލޮޓަސްގެ ކާމިޔާބު ދެ ސީޒަނަށް ފަހު މިހާރު ޝޯގެ ތިންވަނަ ސީޒަންގެ ޝޫޓިންގެ މަސައްކަތް ވަނީ ފަށާފައެވެ. މި ސީޒަންގައި ލިސާ ފެނިގެންދާނެއެވެ. ނަމަވެސް ލިސާ ކުޅޭނެ ރޯލާ ގުޅޭ މާގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ރޯލު ފައިނަލް ވެސް ނުވާ ކަމަށް ޝޯގައި މަސައްކަތް ކުރާ ކްރޫގެ މެންބަރެއް މައުލޫމާތު ދެއެވެ.
ވައިޓް ލޮޓަސްގެ އާ ސީޒަން ފެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.
ލިސާއާއި ޖިސޫ އަދި ޖެނީއަށް ފަހު ދެން ގްރޫޕުގެ ހުރީ ރޮސޭއެވެ. މިހާރު އެކްޓިންގެ ތެރެއަށް ވަދެފައި ނުވަނީ ހަމައެކަނި ރޮސޭއެވެ. އޭނާ އެކްޓު ކުރަން ފަށާނެ ކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.