ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަންގެ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި"ގެ ޓައިޓަލް ލަވަ އާންމުކޮށްފިއެވެ.

ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވާ އާ ލަވައަކީ ފިލްމުގެ ސައުންޑްޓްރެކުން ނެރެފައިވާ އެންމެ ފަހު ލަވައެވެ.

މި ލަވަ ކިޔާފައިވަނީ މުހައްމަދު މުއައްޒިން ނައީމެވެ. ލަވައިގެ މިއުޒިކް ތައްޔާރު ކޮށްފައިވަނީ ޝަހީދު ލެގަސީއެވެ. މި ލަވައިގެ މެލޮޑީ އަދި ލިރިކްސް ތައްޔާރުކޮށްފައިވަނީ މުހައްމަދު އާސިމެވެ.

ޓައިޓަލް ލަވައިގެ މިއުޒިކް ވީޑިއޯ ވެސް ވަނީ ޔޫޓިއުބްއަށް އާންމުކޮށްފައެވެ. މި މިއުޒިކް ވީޑިއޯއިން ފިލްމުގެ ބައެއް މަންޒަރުތައް ފެނިގެން ދެއެވެ.

މި މަހުގެ އެއްވަނަ ދުވަހުގައި ކަންބަޅި ޕްރިމިއާ ކޮށްފައިވާއިރު މި ފިލްމަށް އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބެމުން އެބަދެއެވެ.

އައިފިލްމްސްގެ ފުރަތަމަ ބިރުވެރި ފިލްމު ރިލީޒް ކުރި ނަމަވެސް މި ފަހަރު ވެސް އިއްލެގެ ސިގްނޭޗާ ރަހަތަށް މި ފިލްމުގައި ހުރި ކަމަށް ބެލުންތެރިން ބުނެއެވެ. އެގޮތުން އިޖުތިމާއީ ބައެއް މައްސަލަތަކަށް މި ފިލްމުގައި ވެސް އަލިއަޅުވާލާފައިވާ ކަމަށް ބެލުންތެރިން ބުނެއެވެ.

ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ފެންނަނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދުއާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.

އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވެއެވެ. ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރިއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރީ "އޯކޭޒް އިންކް" އިންނެވެ.