31 May 2012, 23:31
އދ. ދިއްދޫފިނޮޅުގައި ހިންގާ ލަކްސް މޯޅްޑިވްސް ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ސްނޯކްލިންއަށް ނުކުމެ އުޅުނު ޓޫރިސްޓަކު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ހޯދަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ މިއަދު މެންދުރު 1:30 އެހާކަން ހާއިރު ރިސޯޓުގެ ފަޅުތެރޭގައި މަރުވެފައި އޮއްވައި ކަމަށެވެ.
އެ މީހާއަކީ މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ އައި ޗައިނާގެ ރައްޔިތެއް ކަމަށް ފުލުހުން ބުންޏެވެ. އިތުރު މައުލޫމާލެއް ފުލުހުން އާންމެއް ނުކުރެ އެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މިއަދު އިރުއޮއްސުނު ވަގުތު މާލެގެނެސް މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.