އާންމު ފަރުދުންނަށް ރިވެތި މިސާލެއްގެ ގޮތުން ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 16 ވަޒީރުން ދުންފަތުގެ އިސްތިއުމާލު ނުކުރައްވާ ގޮތަށް މިއަދު ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާހެ އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމެވީ ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން އަންނަ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ކަމަށެވެ. ވަޒީރުންގެ އެ ނިންމެވުމަކީ އާންމުންނަށް ރިވެތި މިސާލަކަށް ވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ބުނީ ވަޒީރުން ދެން ދުންފަތުގެ އިސްތިއުމާލެއް ނުކުރައްވާނެ ކަމަށެވެ.

އެ ފީހުން ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު ޑްރާފްޓް ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީ ކުރަމުން އަންނަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓްގައި 16 ވަޒީރުންގެ ތިއްބަވާއިރު ދެ މިނިސްޓަރުން ގެންދެވީ ދުންފަތުގެ އިސްތިއުމާލުކުރައްވަމުންނެވެ.