މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލާން އޮތް މުއްދަތު މިއަދުގެ 14:00 އަށް ހަމަވެފައިވާއިރު 381 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ މަހުގެ 30ގައެވެ.

މި އަހަރުގެ މަޖިލީސް އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބުކުރާނެއެވެ.

ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަންވާނެ ކަމަށެވެ. އެހެންވެ، ކޮންމެ މަޖިލީހަކަށް މެންބަރުންތަކެއް އިތުރުވެއެވެ.

މި ފަހަރު އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި އިިދިކޮޅު އެމްޑީޕީންނެވެ. ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ސަރުކާރު ކޯލިޝަނުން ކެންޑިޑޭޓުން ނެރޭއިރު، އެމްޑީޕީން ވެސް ވަނީ ހަތަރު ދާއިރާއަކަށް ވާދަނުކުރާން ނިންމައިފައެވެ.

ދެން އެންމެ މެންބަރުން ގިނަ ޖުމްހުރީ ޕާޓީން މި އިންތިޚާބުގައި ވާދަކުރަނީ 10 ދާއިރާއަކަށެވެ.

މަޖިލީސް އިންތިޚާބު ބާއްވަން އޮތީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެކަމަކު، އިންތިޚާބުތައް ރޯދަ މަހުގެ 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ. އެހެންވެ، އެ އިސްލާހު ތަންފީޒުވުމުން، އިންތިޚާބު ރޯދައިގެ ފަހަށް ލަސްވާނެއެވެ.