ރާއްޖޭގެ ކުރިކެޓް ބޯޑުން ކޮންމެ އަހަރެއްގެ ރަމްޟާން މަހު ބާއްވާ ކުރިކެޓް ކާނިވަލްގެ މިއަހަރުގެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯ އިން ސްޕޮންސާކޮށް ނިޕޯން ޕެއިންޓް ރަމަޟާން ކުރިކެޓް ކާނިވަލް ނަމުގައި މިއަހަރު ކުރިއަށް ގެންދާ ކާނިވަލްގައި ޓޭޕްބޯލް ކުރިކެޓްގެ ތިން މުބާރާތެއް ކުޅުމަށް ހަމަޖެހިފައި ވާކަމަށް ވެސް ކުރިކެޓު ބޯޑު މައުލޫމާތު ދެއެވެ. އެގޮތުން އެތިން މުބާރާތަކީ އޯޕަން މުބާރާތަކާއި އޮފީސްތަކަށް ހުޅުވައިލައިގެން ބާއްވާ މުބާރާތް އަދި ކުންފުނިތަކަށް ބޭއްވޭ މުބާރާތެވެ.

ކުރިކެޓް ބޯޑުން ބުނީ، އޯޕަން މުބާރާތަށް ޖުމްލަ 18 ޓީމަށް ފުރުޞަތު ހުޅުވާލައިފައި ވާއިރު، އޮފީސް މުބާރާތާއި ކުންފުނި މުބާރާތް ތަކުގައި ބައިވެރި ވެވެނީ އަށް ޓީމަށް ކަމަށެވެ.

އޯޕަން މުބާރާތާއި އޮފީސް މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ޓީމަކުން 700 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު، ކުންފުނި ތަކުގެ މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން 2500 ރ. ދައްކަން ޖެހޭ ކަމަށް ކުރިކެޓް ބޯޑުން ބުނެއެވެ.

އޯޕަން އަދި އޮފީސް މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރ. ކަނޑައަޅާފައި ވާއިރު، ކުންފުނިތަކުން ޗެމްޕިއަންކަން ހޯދާ ޓީމަށް ކަނޑައަޅާފައިވަނީ 20000 ރ. އެވެ.

ނިޕޯން ޕެއިންޓް ރަމަޟާން ކުރިކެޓް ކާނިވަލުގައި ބައިވެރިވާ ޓީމްތަކަށް ކުރިކެޓު ބޯޑުން ޖާޒީ ދިނުމާއި ގުުރުއަތުލުމުގެ ހަފްލާއެއް އަންނަ މަހު ބޭއްވޭނެ ކަމަށް ވެސް އެބޯޑުން މިއަދު ވަނީ ބުނެފައެވެ.