14 Feb 2024, 10:48
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ތަންތަނުގެ ތެރެއިން 22 ތަނަކަށް ވޯޓު ފޮށި ބަހައްޓާ ވަރަށް ރީރެޖިސްޓްރީވެފައިނުވާތީ އެ ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓާން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި އަހަރުގެ މަޖިލީސް އިންތިޚާބުގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން 16 ރިސޯޓަކާއި ހަތަރު ގައުމެއް، އަދި ސިނާއީ މަސައްކަތްކުރާ އެއް ތަނުގައި ވޯޓު ފޮށި ބަހައްޓަން ބޭނުންވާ އަދަދަށް މީހުން ރީރެޖިސްޓްރީވެފައިނުވާ ކަމަށެވެ.
އެހެންވެ، އެ ކޮމިޝަނުން ނިންމާފައިވަނީ އެ ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓާށެވެ. އެކަމަކު، އެ ފޮށިތަކަށް ރީރެޖިސްޓްރީވި މީހުން، އެހެން ފޮށިތަކަށް ރީރެޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ވޯޓު ފޮށި ނުބަހައްޓާން ނިންމި ރިސޯޓުތަކުގެ ތެރޭގައި:
ސޮނެވާ ޖަނީ
- އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު
- ޖޯލި ބީންގް
- ރީތި ބީޗް ރިސޯޓް
- ފިނޮޅު ބާ އެޓޯލް މޯލްޑިވްސް
- ކުރެއްދޫ އައިލެންޑް ރިސޯޓު
- އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް
- ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް
- ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް
- ސިނަމަން ދޮންވެލި މޯލްޑިވްސް
- އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެގެނލި
- ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް
- ކޮންސްޓެންސް މޫފުށި
- ނިޔަމަ މޯލްޑިވްސް
- ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް
- މިލައިދޫ އައިލެންޑް މޯލްޑިވްސް
- ޑަބްލިޔު މޯލްޑިވްސް
ވޯޓުފޮށި ބަހައްޓާ ވަރަށް ރީރެޖިސްޓީނުވި ގައުމުތައް:
އިންޑިއާ/ ޓްރިވެންޑްރަމް
- ތައިލެންޑް / ބެންކޮކް
- އިނގިރޭސިވިލާތް /ލަންޑަން
- އެކުވެރި ޢަރަބި ޢިމާރާތް / އަބޫ ދާބީ -
މީގެ އިތުރުން، ސިނާއީ މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ހިމެނޭ ހުޅުލޭގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓާ ވަރަށް މީހުން ރީރެޖިސްޓްރީވެފައެއް ނުވެއެވެ. އެހެންވެ، އެ ތަނުގައި ވެސް މަޖިލީސް އިންތިޚާބަށް ވޯޓު ފޮށި ނުބަހައްޓާން އީސީން ވަނީ ނިންމައިފައެވެ.
އެ ތަންތަނަށް ރަޖިސްޓްރީވި މީހުން، ވޯޓު ފޮށި ބަހައްޓާ ތަންތަނަށް ރީރެޖިސްޓްރީވާން މިއަދު ހެނދުނުން ފެށިގެން މާދަމާ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އީސީގެޕޯޓަލްމެދުވެރިކޮށް ރީރެޖިސްޓްރީ ވެވޭނެއެވެ.
އެ ކޮމިޝަނުން ބުނީ، މި މުއްދަތުގައި ރީރެޖިސްޓްރީނުވާ މީހުން ވޯޓުލާން ޖެހޭނީ އެ މީހެއްގެ ރަޖިސްޓްރީ އޮންނަ ރަށެއްގައި ކަމަށެވެ.
މަޖިލީސް އިންތިޚާބު ބާއްވަން އޮތީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ، އެކަމަކު، އިންތިޚާބުތައް ރޯދަ މަހުގެ 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ. އެހެންވެ، އެ އިސްލާހު ތަންފީޒުވުމުން، އިންތިޚާބު ރޯދައިގެ ފަހަށް ލަސްވާނެއެވެ.