14 Feb 2024, 10:34
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާ އެކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް 47 ކެންޑިޑޭޓުން ނެރުއްވައިފިއެވެ.
މިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައި އިއްވި 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްނުވެ، އަދިވެސް ގޭބަންދުގައި ހުންނެވި ޔާމީން ގެންދަވަނީ ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު 'ސަން'އަށް ވިދާޅުވީ، ޔާމީންގެ ތާއީދާ އެކު ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރަން އިއްޔެ 28 ބޭފުޅަކު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި، މިއަދު އިތުރު 19 ބޭފުޅުން ފޯމު ލައްވާނެ ކަމަށާއި އެހެންކަމުން ޖުމުލަ އެ މަނިކުފާނުގެ 47 ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރައްވާނެއެވެ.
"އަދި ޕީއެންސީން ވާދަކުރައްވާނެ ރައީސް ޔާމީންގެ ވަފާތެރި 36 ކެންޑިޑޭޓުން. އެހެންވީމާ އެކު ޖުމުލަ 83 މެންބަރުން ވާދަކުރައްވާނެ މަޖިލީހަށް،" މަލީހް ވިދާޅުވިއެވެ.
ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް
ޔާމީންގެ ފުރިހަމަ ތާއީދާ އެކު އުފެދުނު ޕީޕީއެމް/ޕީއެންސީގެ ވެރިކަމަށް ހަފުތާއެއް ނުވަނީސް އެ މަނިކުފާނު ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހުގައި، ޔާމީން ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު، ހުއްދަދިން ފަހުން ގިނަ ދުވަސްތަކެއް ވީނަމަވެސް މިހާތަނަށް އެ ޕާޓީ އުފައްދަން ހުށަހަޅައިފައެއް ނުވެއެވެ.
މީގެ ކުރިން އެ ޕާޓީން ބުނީ، ޕާޓީ ރަޖިސްޓްރީކުރުން ލަސްވަނީ ޔާމީން މިނިވަންނުވާތީ ކަމަށެވެ.
ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މަނިކުފާނުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެކަމަކު، އެ މައްސަލައިގެ ހުކުމާ ހަމައަށް ވާސިލުވި ފަހުން ތިން މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އަދިވެސް އެ މައްސަލައިގެ ހުކުމް ކުރުން ތާވަލެއް ނުކުރެއެވެ.
މި ވަގުތު ގޭބަންދެއްގައި ހުންނެވި ޔާމީނަށް ސިޔާސީ ކަންކަމުގައި އުޅުއްވުން މަނާވި ނަމަވެސް އެ މަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.