ދިރާގް ދިވެހި ލީގުގައި މިއަދު ހަވީރު މާޒިޔާ އަތުން 1-0 ލަނޑުން މޮޅުވެ، ފުރަތަމަ ބުރުގެ އެއް ވަނަ މަގާމް ނިއުރޭޑިއަންޓުން ދިފާއު ކޮށްފި އެވެ.

މެޗަށް ނިކުތުމުގެ ކުރިން ވެސް 14 ޕޮއިންޓާއެކު ލީގުގެ އެއް ވަނާގައި އޮތް، ނިއުރޭޑިއަންޓުން، މާޒިޔާ ކޮޅަށް ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފުގައި މިއަދުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ އުމަރުގެ ފަރާތުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުންނިމުނުއިރު، ދެ ޓީމަށް ވެސް ގޯލްޖަހާ، މެޗުގެ ލީޑް ނަގާނެ ފުރުސަތު ތަކެއް ލިބުނު ނަމަވެސް ފުރަތަމަހާފުގެ ކުޅުން ނިމުނީ ދެ ޓީމް ކުރެ، އެއް ޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. އެގިތުން މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ އައްސަދުﷲ އަބްދުއްﷲ އާއި އަހުމަދު ރަޝީދު (އައްމަޑޭ) އަަށް ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވުނެވެ.

ފުރަތަމަ ހާފަށް ވުރެ، ދެ ވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަނަަމަވެސް، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 1-0 ލަނޑުން ނިއު ކުޜި ގައި އޮވެގެން ނެވެ.

މިއަދުގެ މޮޅާއެކު ނިއު ފުރަތަމަ ބުރުގެ އެއްވަނާގައި އޮތީ 17 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި މާޒިޔާ އޮތީ 10 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.

މެޗަށް ފަހު ނިއުގެ ކޯޗް މޯހަން ބުނީ، މާޒިޔާ އަތުން ލިބުނު ކާމިޔާބީއާކު، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި ފުރަތަމަ ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި ނިއު އޮތުމުން އެކަމާ އުފާވާކަމަށް ވެސް މޯހަން ބުންޏެވެ.

"ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ދެއްކި ކުޅުން ރަނގަޅު. ލީގުގެ ފުރަތަމަ ބުރަށް ނިއު ނިކުތީ ވެސް އެއް ވަނަ މަގާމް ދިފާއު ކުރަން. ހުރިހާ ކުޅުންތެރިން ވެސް ވަރަށް މަސައްކަތް ކުރި." މޯހަން ބުންޏެވެ.

މާޒިޔާގެ ކޯޗް އިންމަ ބުނީ، ލީގުގެ ވަރުގަދަ ޓީމެއްގެ އަތުން ބަލިވިކަމުގައި ވިޔަސް، ޓީމުގެ ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި އެހެން ނަމަވެސް ފުރަތަމަ ހާފުގައި ގޯލްޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ފޯވާޑުން ނަށް ނުހިފުނު ކަމަށެވެ. އަދި އެފުރުސަތު ތަކުގެ ބޭނުން ހިފުންނަމަ ބޭނުންވި ނަތީޖާ ނެރެވުނީސް ކަމަށް ވެސް އިންމަ ބުންޏެވެ.

ލީގުގެ ފަހު މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާ ދެޓީމަކީ ތާވަލްގެ ދެ ވަނާގައި މިވަގުތު 13 ޕޮއިންޓާއެކު އޮތް ވިކްޓަރީ އާއި ތާވަލްގެ ފަހަތުން ދެ ވަނާގައި ހަ ޕޮއިންޓާއެކު އޮތް ވީބީ އެވެ.