އޭއައި ޗެޓްބޮޓަކާ ވާހަކަ ދެއްކުމުގައި ދިމާވާ އެންމެ ބޮޑު އެއް އުނިކަމަކީ ދައްކާ ވާހަކަ ނިމުމުން ހުރިހާ ކަމެއް ވެސް ރީސެޓްވުމެވެ. ނުވަތަ ބޮޓްގެ ހަނދާނުން ފިލައިގެން ދިއުމެވެ. ތިބާއަކީ ކާކުކަން ނުވަތަ ކުރިން ކުރި ސުވާލެއް ވެސް ބޮޓްދިން ޖަވާބެއްވެސް ހަނދާނެއް ޗެޓްބޮޓް ނުހުންނާނެއެވެ. މިކަމުގެ ސަބަބުން ހަގީގީ ޑިޖިޓަލް އެސިސްޓެންޓަކަށް އޭއައި ޗެޓްބޮޓް ހެދުމަށް ހުރަސް އެޅޭ، ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އޯޕަންއޭއައިއިން ދަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި ޗެޓްޖީޕީޓީއަށް މެމޮރީ ފީޗާއެއް އިތުރުކުރަން ނިންމައިފައިވާ ކަން ވަނީ ހާމަކޮށްފައެވެ.

މީގެ ސަބަބުން ބޮޓަށް ކުރިން ދެކެވުނު ވާހަކަތަކުން މުހިންމު ފަރުދީ ތަފްސީލުތައް ހަނދާންކޮށް، މިހާރުގެ ސުވާލުތަކަށް އެ ކޮންޓެކްޓް އެޕްލައި ކުރެވޭނެއެވެ.

މި ފީޗާ އިތުރުކުރުމުން ޗެޓްޖީޕީޓީއަށް ވަކި ކަމެއް ހަނދާން ކުރަން ބުނެވިދާނެއެވެ.

މިސާލަކަށް: ދަރިފުޅަށް ޕީނަޓް އަށް އެލާޖިކްވުން ނުވަތަ ބޭސްކާންޖެހޭ ގަޑިތައް ހަދާންކޮށްދިނުން ފަދަ ކަންކަން ފީޑްކޮށްފައި ބެހެއްޓޭނެއެވެ. މިހެން ހެދުމުން މި ޑޭޓާ ރައްކާކޮށް، މުސްތަގުބަލުގައި ދެކެވޭ ވާހަކަތަކާއި މަސައްކަތްތަކަށް އެ މައުލޫމާތު ޗެޓްބޮޓް އަމިއްލައަށް އެޕްލައި ކުރާނެއެވެ.

މި ފީޗާގެ މައިގަނޑު އަމާޒަކީ ޗެޓްބޮޓް މިހާރަށްވުރެ ފުރިހަމަކޮށް އިންސާނަކު މަސައްކަތްކުރާ އުޞޫލާ އެއްގޮތް ކޮށް ތިބާގެ ހާއްސަ ބޭނުންތަކަށް އަހުލުވެރިކުރުވުމެވެ.

މީގެ އިތުރުން މި ފީޗާގެ އެންމެ ޚާއްޞަކަމަކަށް ވާނީ ކޮންމެ ކަސްޓަމް ޖީޕީޓީއެއްގެ ވެސް އަމިއްލަ މެމޮރީއެއް ހުރުމެވެ. މިސާލަކަށް އޯޕަންއޭއައިގެ ބުކްސް ޖީޕީޓީ ގައި، ބޮޓް ކުރިން ކިޔާފައިވާ ހުރިހާ ފޮތްތަކެއްގެ މައުލޫމާތު ތާއަބަދަށް ރައްކާ ކުރެވިފައި ހުންނާނެއެވެ. އެއީ އަމިއްލަ ބޮޓެއްގެ ގޮތުގައި ތިބާއަށް އިޙްސާސްވެ ތިބާ ބޭނުންވާ ފޮތްތަކެއް ނުވަތަ ސްޓޯރީތަކެއް ބޮޓްލައްވާ ކިޔުއްވިދާނެއެވެ. މާނައަކީ ބޮޓަށް ފީޑްކޮށްފައިވާ ކޮންމެ ބާވަތެއްގެ ފޮތަކުންވެސް ލިބެންހުރި ހުރިހާ މައުލޫމާތެއް ވަގުތުން ބުނެދޭނެއެވެ. އެހެންކަމުން ޖީޕީޓީ ސްޓޯރަކީ މި މެމޮރީ ފީޗާއިން މުޅިން ވެސް ފައިދާ ކުރާނެ ތަފާތު ފޮތްތަކުން ފުރިފައިވާ ފިހާރައެކެވެ.

މިއީ މިހާރުވެސް އިންޓަނެޓް މަސައްކަތް ކުރާ ގޮތާ މާ ބޮޑު ތަފާތެއް އޮތް ކަމެއް ނޫނެވެ. ވެބްސައިޓްތަކާއި ސޯޝަލް ނެޓްވޯކްތައް ފަދައިން އެޕްލިކޭޝަންތަކުން ވެސް ޕާސަނަލް ޑޭޓާ ރައްކާކުރެއެވެ. އެއަށްފަހު މި ޑޭޓާ ބޭނުންކޮށްގެން ޔުނިކް ޔޫޒާ ޕްރޮފައިލެއް އުފައްދައި، ޕާސަނަލައިޒްޑް އަލްގޯރިދަމްތައް އުފެއްދުމަށް ބޭނުންކުރެއެވެ.

އޯޕަންއޭއައިގެ މި މެމޮރީ ފީޗާ އިތުރު ކުރިކަމުގައި ވިޔަސް އޭގެ ސްޓޭންޑާޑް ގޮތާ މެދު ޕްރައިވެސީގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެކަމަށްޓަކައި އޯޕަންއޭއައިއިން ބުނީ ޗެޓްޖީޕީޓީގެ މެމޮރީގެ ކޮންޓްރޯލް ޔޫޒަރުންގެ އަތުގައި އޮންނާނެ ކަމަށާއި ސިއްހީ ޑޭޓާ ފަދަ ބައެއް ނާޒުކު މައުޟޫއުތައް އޮޓޮމެޓިކުން ހަނދާން ނުނެތޭ ގޮތަށް ސިސްޓަމް ތަމްރީނުކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ބުނަނީ އެއްޗެއް ހަނދާން ނައްތާލާށޭ ބޮޓަށް ބުނެވިދާނެ ކަމަށާއި އެކަން ވާނެ ކަމަށެވެ. މީގެ އިތުރުން ސެޓިންތަކުގައި މެނޭޖް މެމޮރީ ޓެބެއް ވެސް ހިމަނާފައި ވަނީ މިހާރަށް ވުރެ ހަރުދަނާ އެޑްޖަސްޓްމަންޓަކަށެވެ.

އޯޕަން އޭއައިން ބުނީ ޗެޓްބޮޓް މެމޮރީ އާ މެދު ޝައްކެއް އުފެދިއްޖެ ހިނދެއްގައި މުޅި ފީޗާ އެއްކޮށްވެސް ނައްތާލެވޭނެއެވެ.

މިއީ މި ވަގުތަށް ބީޓާގެ ހިދުމަތެއް ކަމަށާއި މި ހަފުތާގައި ޗެޓްޖީޕީޓީ ފްރީ އަދި ޕްލަސް ބޭނުންކުރާ "މަދު އަދަދެއްގެ" މީހުންނަށް މި ހިދުމަތް ދޭން ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ފުޅާ ދާއިރާއެއްގައި ރިލީޒް ކުރާނެ ޕްލޭންތައް އެ ކުންފުނިން ހިއްސާ ކުރާނެއެވެ.