ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނި އެޕަލްގެ "ވިޝަން ޕްރޯ" އަކީ އައިފޯނަށް ފަހު ދެވަނައަށް އެންމެ ފުރިހަމަ ޓެކްނޮލޮޖީކަމުގައި އޯޕަންއޭއައިގެ ސީއީއޯ ސެމް އޮލްޓްމަން ބުނެފިއެވެ.

އެޕަލްގެ ވިޝަން ޕްރޯއަށް ސޭމް އޮލްޓްމަން މި ހަފުތާގައި ވަރަށް ބޮޑަށް ތައުރީފު ކުރިއިރު، އެޕަލްއިން ނެރުނު އެ މީހުންގެ އެންމެފަހުގެ ޓެކްނޮލޮޖީ ވިޝަން ޕްރޯ ނެރެފައިވަނީ ސްޕޭޝަލް ކޮމްޕިއުޓާ ނަމުގައެވެ.

އޯލްޓްމަން ބުނީ 2007 ވަނަ އަހަރު އައިފޯން ތަޢާރަފްކުރި ފަހުން ދެވަނައަށް އެންމެ ފުރިހަމަ ޓެކްނޮލޮޖީ އަކީ އޭނާ ގަބޫލުކުރާ ގޮތުގައި ވިޝަން ޕްރޯ ކަމަށެވެ.

އޯޕަންއޭއައިގެ ސީއީއޯ މިހެން ބުނީ ވިޝަން ޕްރޯ ރަސްމީކޮށް 3،500 ޑޮލަރަށް ބާޒާރަށް ނުކުތް ތާ ދުވަސްތަކެއް ފަހުން މިދިޔަ ހުކުރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

"ވިޝަން ޕްރޯ އަކީ އައިފޯނަށް ފަހު ދެވަނައަށް އެންމެ ފުރިހަމަ ޓެކް" އޮލްޓްމަން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މިކްސް-ރިއަލިޓީ ހެޑްސެޓުން ޔޫޒަރުންނަށް ހަގީގީ ދުނިޔެއާ ގުޅިފައިވާ ޑިޖިޓަލް މީޑިއާއާ މުއާމަލާތް ކުރެވޭނެއެވެ. ޑިވައިސް ކޮންޓްރޯލް ކުރާނީ ޔޫޒަރުންގެ އަމިއްލަ ލޮލާއި އިނގިލިން ކޮށްލާ އިޝާރާތަކުންނެވެ.

ބިޒްނަސް އިންސައިޑާގެ ރިޕޯޓަރު ޖޯޑަން ހާޓްވެސް ބުނީ މީގެ 15 އަހަރު ކުރިން ނެރުނު އެޕަލްގެ އައިފޯން ފަދައިން މި ޑިވައިސްގައި ނިއު ނޯމަލްއެއް ފެށުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ.

އާ ޓެކްނޮލޮޖީ އަކީ އިންގިލާބީ ޓެކްނޮލޮޖީއެއް ނަމަވެސް އޮލްޓްމަން ބުނީ ވިޝަން ޕްރޯ އަކީ ފާއިތުވި 17 އަހަރުގެ ތެރޭގައި އުފެދުނު "ދެވަނައަށް އެންމެ ފުރިހަމަ" ޑިވައިސް ކަމަށް އޭނާ ދެކޭ ކަމަށެވެ.

އެންމެ ފުރިހަމަ ނުވަތަ އެއް ވަނަ ޓެކްނޮލޮޖީއަކީ ކޮބައިކަން އޭނާ ފާހަގަ ނުކުރި ނަމަވެސް އޭނާ އިޝާރާތް ކުރަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޚާއްޞަކޮށް އޭނާ އެއް ވަނަ އެއްޗެއްގެ ގޮތުގައި ދެކެނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލޯންޗްކުރި އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ކަމަށް ބެލެވެއެވެ.

އޮލްޓްމަން މީގެ ކުރިން ބުނެފައި ވަނީ އައިފޯނަކީ މީހުންގެ ޖީބުގައި ގެންގުޅޭ ކުޑަ ވަރެއްގެ ކޮމްޕިއުޓަރެއް ކަމަށެވެ. އޭގެ ފަހުން އޭއައި މިހާރު އޮތީ ދުނިޔެ ބަދަލު ކުރުމުގެ މަގުމަތީގައި ކަމަށް އޭނާ ބުންޏެވެ.

އޯލްޓްމަން މިހެން ބުނިއިރު، ޗެޓްޖީޕީޓީއިން މިހާރުވެސް ވަނީ އިންޑަސްޓްރީއަށާއި އާންމު ދިރިއުޅުމަށް ހީވެސް ނުކުރާ ފަދަ ގޮތަކަށް ނުފޫޒު ފޯރުވަން ފަށައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޯލްޓްމަން އޭނާގެ ދަށުން މަސައްކަތްކުރާ ޑިވެލޮޕަރުންނަށް އަންގާފައިވަނީ، ޗެޓްޖީޕީޓީ އަކީ މަސައްކަތަށް "ސުޕަސްމާޓް ޕާސަނަލް އެސިސްޓެންޓަކަށް" ހަދަން ބޭނުންވާ ކަމަށެވެ.