ދިވެހިރާއްޖެއަށް އިގްތިޞާދީ ގޮތުން ލިބިފައިވާ އެންމެ ބޮޑު ބާރަކީ އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ސަރަހައްދުކަމަށާއި، ފުރިހަމަ ވިސްނުންތަކާއި ޕްލޭންތަކުގެ ތެރެއިން ރާއްޖެ ބަދަލުކޮށްލައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުބާއީގައި މިއަދު ފެށި އިންވެސްޓް މޯލްޑިވްސް ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްވީފަހުން ރާއްޖެ އަންނަނީ އިގްތިޞާދީ ގޮތުން ކުރިއަރަމުން ކަމަށެވެ.

އެއާއެކު ސަރަހައްދުގެ ގޮތުން ރާއްޖެ އޮތް ތަނާއެކު ފަތުރުވެރިކަމަށް ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތި ކަމަކީ ވެސް ރާއްޖެއަށް އިގްތިޞާދީ ގޮތުން ކުރިއެރުމުގެ ބާރު ލިބިދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިގްތިޞާދުގެ އެންމެ މުހިންމު އެއް ބާރުގެ ގޮތުގައި އޮތީ ރާއްޖެ އޮތް ސަރަހައްދު. އޭޝިއާއާއި އެފްރިކާ ގުޅިގެން އަންނަ މަގުގައި ރާއްޖެ އޮތުމަކީ އަޅުގަނޑުމެންގެ ގައުމު އިގްތިޞާދީ ގޮތުން ވިޔަފާރިއަށް އެންމެ މުހިންމު އެއް ހަބަަށް ހަދައިދޭ ސަބަބު،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ސަރުކާރުން އަންދާޒާކޮށްފައިވާ މިންވަރަށް ފަތުރުވެރިން އަންނާނެކަމުގެ ޔަގީންކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަށް ވެސް އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސިނާއަތުގެ އިތުރަށް ވެސް ރާއްޖޭގެ އިގްތިޞާދުު އިތުރަށް ސިންދަފާތުކޮށް، އާ ސިނާއަތްތައް ތައާރަފްކުރުމަކީ ވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯގައި އިގްތިޞާދު ސިންދަފާތުކުރާނެ ގޮތް، ޓޫރިޒަަމްގެ ތެރެއިންނާއި ބޭރުން، އެ ކަން ކުރާނެ ގޮތް ބަޔާންކޮށްފައިވާނެ. އޭގެ ތެރޭގައި ފުޑް ސެކިއުރިޓީ، މަސްވެރިކަން، ރާއްޖެ ފައިނޭންޝަލް ހަބަކަށް ހެދުން، އަދި ޓްރޭޑާއި އިންވެސްޓްމަންޓުތައް ލޮޖިސްޓިކުގެ ދާއިރާއިން އިތުރުކުރުން ހިމެނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި ބިޔަ މަޝްރޫއުތައް ބޭރުގެ ބޮޑެތި އިންވެސްޓަރުންގެ އެހީއާއެކުގައި ވެސް ކުރިއަށް ގެންދެވޭނެ މަގު އޮތުން ކަމަށެވެ.

އަދި ސަރުކާރުން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ ހާސިލްކޮށްދިނުމަށް ޓަަކައި މިހާރަށްވުރެ ބޮޑަށް ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކާއެކު ޕާޓްނާޝިޕް ހަދައިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ޕްރައިވެޓް ސެކްޓަރަށް ފަހިވާނެހެން ސިޔާސަތުތައް ބައްޓަންކުރުމާއި އިންވެސްޓަރުންނަށް އެ މީހުން ކުރާ އިންވެސްޓްމަންޓުތަކުން ގެއްލުން ނުވާނެކަން ކަށަވަރުކޮށްދެވޭނެ މާހައުލެއް ގާއިމް ކުރުމަކީ ވެސް މިހާރަަށްވުރެ ބޮޑަށް ކުރަން އޮތް ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު ރާއްޖެއަށް އިގްތިޞާދީ ލޮޅުންތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކުރައްވައި ރައީސްވަނީ އެކުގައި މަސައްކަތް ކުރުމުން އެ ކަންކަމުން އަރައިގަނެވޭނެކަމަށް ވިދާޅުވެފައެވެ.

ދުބާއީގައި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ފެށުން -- ފޮޓޯ/ ނަވީން

"އަޅުގަނޑުމެންނަށް އެނގޭ ރާއްޖެއަށް މިއަދު އިގްތިޞާދީ ގޮތުން ކުރިމަތިވަމުން އަންނަ އެކި ގޮންޖެހުންތައް ވެސް. އަޅުގަނޑު ގަބޫލުކުރަނީ އެކުގައި މަސައްކަތް ކޮށްގެން މި ގޮންޖެހުންތަކުން އަރައިގަނެ މިއަށްވުރެ ވަރުގަދައަށް ގާއިމްވެ ތިބެވޭނެކަމަށް،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވަނީ މި ފޯރަމީ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން ގާއިމްކޮށް، އެކުގައި މަސައްކަތްކުރުމުގެ ގުޅުންތައް ބިނާކުރާ ފޯރަމަކަށް ހެދުމަށް އެދިވަޑައިގެންފައެވެ.