ދުބާއީއިން، މުޙައްމަދު ނާއިލް ޙަފީޒް

ގިނަ އަދަދެއްގެ އިންވެސްޓަރުންނާއެކު ޔޫއޭއީގެ ދުބާއީގައި އިންވެސްޓް މޯލްޑިވްސް ފޯރަމް މިއަދު ފަށައިފިއެވެ.

މި ފޯރަމްގައި ދުބާއީއާއި، އަބޫދާބީއާއި، ޔޫއޭއީގައި އެކި ވިޔަފާރީތައް ހިންގާ ވިޔަފާރިވެރިން ބައިވެރިވެއެވެ. ހަމައެއާއެކު ދިވެހި ވިޔަފާރިވެރިން ވެސް މި ފޯރަމްގައި ބައިވެރިވެއެވެ.

މި ފޯރަމް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ޔޫއޭއީއަކީ ރާއްޖެއަށް ވިޔަފާރީގެ ދާއިރާގައި ވަަރަށް މުހިންމު ގައުމެއް ކަމަށެވެ.

ރާއްޖޭގެ ދެވަނަ އިންވެސްޓްމަންޓް ފޯރަމް ދުބާއީގައި ފެށުން -- ފޮޓޯ/ ނަވީން

އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރާއްޖެ ތަރައްގީކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެ ތެެރެއިން އިންވެސްޓަރުންނަށް ފައިދާ ހުރި ގިނަ ކަންތައްތަކަކަށް ފަހިވާނެކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ފޯރަމުގައި ސަރުކާރުން ހުށަހެޅި ބައެއް މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ތިލަފުށީ ޕޯޓުގެ މަޝްރޫއާއި، ރަސްމާލެ މަޝްރޫއު ހިމެނެއެވެ.

ހަމައެއާއެކު ރާއްޖޭގައި ކުރިއަށް ގެންދާ ހަކަތައިގެ މަޝްރޫއުތައް ފަދަ އެހެނިހެން މަޝްރޫއުތައް ވެސް ހުށަހަޅައިފައިވެއެވެ.

ގާތްގަނޑަކަށް 300 އަށްވުރެ ގިނަ އިންވެސްޓަރުން މި ފޯރަމްގައި ބައިވެރިވެއެވެ. މި ފޯރަމުގައި ދުބާއީގެ އިންވެސްޓަރުންނަށް ސީދާ ރައީސާ ބައްދަލުކުރުމުގެ ފުރުސަތު ވެސް އެ ކަމަށް އެދޭ ވިޔަފާރިވެރިންނަށް ދޭނެއެވެ. އަދި ވަކިވަކި މިނިސްޓަރުންނާ ބައްދަލުކުރެއްވޭނެއެވެ.

މިއަދު މި ފޯރަމް ފެށިއިރު، އަހަރުގެ އެންމެ ފުރަތަމަ ފޯރަމް އޮތީ މިފަހުން ރައީސް ޗައިިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގައެވެ.