31 May 2012, 19:12
ޕާޓީތަކުގެ މަޝްވަރާތަކާ މެދު "ވަރަށް ފޮނި އުންމީދުތަކެއް ކުރައްވާ" ކަމަށް ވިދާޅުވަމުން އޯލް ޕާޓީ ޓޯކްސްގެ މަޝްވަރާތަކަށް ސިޔާސީ ޕާޓީތަކުގެ މަންދޫބުން ނައިބު ރައީސް ވަހީދުއްދީން (ޑީން)ގެ ރިސޯޓްރަށް ބަނޑޮހަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.
އެންމެ ބޮޑު ހަ ސިޔާސީ ޕާޓީ އެކުވެގެން ބަޑޮހުގެ ކޮންވެންޝަން ސެންޓަރު ގައި މިރޭ ފަށާ މަޝްވަރާތައް ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ވީކެންޑް ޗުއްޓީއާ އެކު ކަހަލަ ގޮތަކަށް ސިޔާސީ ޕާޓީތަކުން މަޝްވަރާތައް ކުރިއަށް ގެންދާއިރު ޖުމްލަ ހަތަރު ޝެޝަނަކަށް ވަނީ އެވާހަކަތައް ބަހާލައިފަ އެވެ.
ބަޑޮހަށް ފުރުއްވުމުގެ ކުރިން މަޝްވަރާތައް ކުރިއަށް ދާނެ ގޮތަކާ މެދު އެއް ނަމްބަރު ފާލަމުގައި ހުންނަވާ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ މީޑިޔާތަކަށް މިއަދު ވިދާޅުވީ މިރޭގެ ޖަލްސާ 9:00 ކުން ފެށިގެން މިރޭ 11:00 އަށް ކުރިއަށް ދާނެ ކަމަށެވެ. އަދި މާދަމާ ބާއްވާ ޗަލްސާ 2:00 ން 6:00 ކަށް ކުރިއަށްގެންދަން ނިންމާފައިވާއިރު އެންމެ ފަހު ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހު 9:00 ޖަހާއިރު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓީބްރޭކާ އެކު ވާހަކަތައް ކުރިއަށް ގެންދާނީ، އަޅުގަނޑު މި ބަލަނީ މާލޭން ބޭރުގައި ގިނަ ވަގުތު ހޭދަކުރެއްވުނީމައި މި ކަންކަމާ ތަންކޮޅެއް ބޮޑަށް ރަނގަޅަށް ވާހަކަ ދެއްކޭނެ ކަމަށް،" ހިނިތުންވެ ހުންނަވާ މުޖުތަބާ ވިދާޅުވި އެވެ.
ޕާޓީތަކުގެ މަންދޫބުން މިރޭން ފެށިގެން ކުރިއަށް އޮތް ދެ ދުވަސް ހޭދަކުރައްވާނީ ބަޑޮހުގަ އެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ފުރަން ނުކުމެވަޑައިގެން ތިއްބެވީ ފޮށި ކޮޅުތައް ހިއްޕަވައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ އިސްނެންގެވުމަކަށް މިދިޔަ ފެބުރުއަރީ މަހު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށިފަހުން މިހާތަނަށް ވަނީ ނުވަ ބައްދަލުވުމެއް ބޭއްވިފަ އެވެ. އެންމެ ފަހުން ބޭއްވި ބައްދަލުވުން ނޫން އެހެން ބައްދަލުވުންތައް ނިމިފައިވަނީ ހޫނު ބަހުގެ ހަމަލާތަކަށް ފަހު އޮއްޓަރެއް ނުނެރެވި ފަނުފުލުންނެވެ.
ޒަމާންތަކަކަށް ފަހު ވެރިރަށް މާލެ ދޫކުރައްވާ ސިޔާސީ ބަހުސް ކުރައްވަން އާންމު މުޖުތަމައާ ދުރަށް ސިޔާސީ ބޭފުޅުން ފުރާވަޑައިގެންއިރު ޕާޓީތަކުގެ މަންދޫބުންގެ މޫނު މަތިން ފެންނަމުން ދިޔައީ ހިނިތުންވުމާއި އެކުވެރިކަމެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކަށް ސަލާމްކުރައްވާ ހައްދަވަމުން ގެންދެވީ ވަރަށް އެކުވެރި ޖައްވެއްގަ އެވެ. އެތަން ބަލަހައްޓަވައިގެން ހުންނަވާ ވިލަރެސް ވެރިޔާ މުޖުތަބާ ވިދާޅުވީ ޕާޓީތަކުގެ ރޫހު ހުރީ ހެޔޮނިޔަތުގައި ވާހަކަތައް ކުރިއަށް ގެންގޮސް ރަނގަޅު ގޮތަކަށް ނިންމާލުމަށް ކަމަށާއި ސިޔާސީ މައްސަލަތަކާއި ހިޔާލު ތަފާތުވުންތަކުގެ ހިޔަނި ވާހަކަތަކަށް އެޅިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"މަޝްވަރާކުރުމުގެ ރަނގަޅު ނިޔަތުގައި އަޅުގަނޑުމެން އެންމެންވެސް މިދަނީ އެހެންވީމައި އަޅުގަނޑު އުންމީދު ކުރަނީ އެގޮތައް ހިޔަނިއެޅިގެން ދިޔަކަމުގައި ވިޔަސް އެއީ މާބޮޑަތި ކަންތައްތަކަކަށް ނުވެ ހައްލުކުރެވޭނެ ކަމަށް،" މުޖުތަބާ ވިދާޅުވި އެވެ. "އަޅުގަނޑުގެ އުންމީދު ވަރަށް ބޮޑު، އަޅުގަނޑު މިހުރީ އުންމީދުގައި ވާހަކަތައް ރަނގަޅަށް ދާނެ ކަމުގެ،"
އެމްޑީޕީގެ ފަރާތުން ރައީސް މުހަންމަދު ނަޝީދު ހޮނިހިރު ދުވަހުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ގޮތައް އޮތީ ހަމަޖެހިފަ އެވެ. އެހެން ޕާޓީއެއްގެ އިސްވެރިޔަކު ބައިވެރިވެ ވަޑައިގަންނަވާކަން އަދި އެނގިފައެއްނުވެ އެވެ. ބަޑޮހުގައި މަޝްވަރާތައް ފަށަން ޖެހެނީ އެންމެ ފަހުގެ ބައްދަލުވުމުން ނިމިފައިވާ މައްސަލަތައް ތަރުތީބުން މަޝްވަރާކުރަންށެވެ. ހަ ކަމަކަށް މަޝްވަރާ ކުރަން ނިމިފައި ވާއިރު އެންމެ ކުރީގައި އޮތީ ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމާ މެދު މަޝްވަރާ ކުރުމެވެ. އަދި އެންމެ ފުލުގައި އޮތީ އިންތިހާބެއްގެ ތާރީހު ކަޑައަޅަން މަޝްވަރާކުރުމެވެ.
ދެން އިސްކަންދޭނެ ތަރުތީބަކީ ބަޖެޓްގެ ހާލަތާއި މިނިވަން މުއައްސަސާތަކުގެ މަގާމުތައް ބަދަލުކުރުމާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރުމަށާއި އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާ ގަވާއިދުތަކާ މެދުގަ އެވެ.
އެހެން ޕާޓީތަކާ އެންމެ ހިޔާލުތަފާތުވާ އެމްޑީޕީގެ ފަރާތުން އެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ މަޖިލީހުގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ ޕާޓީތަކުގެ މަޝްވަރާތަށް ރަނގަޅަށް ކުރިއަށްދާނޭ ކަމަށާއި އެމްޑީޕީގެ ފަރާތުން މަޝްވަރާތަކަށް ހުރަސް ނާޅުވާނޭ ކަމަށާއި އެމްޑީޕީން ތިބީ މަޝްވަރާތަކައިގެން ކުރިއަށްދާން ކަމަށެވެ.
"ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ފަރާތަކުން ހުރަހެއް ނޯންނާނެ، އަޅުގަނޑުމެން މިތިބީ ވާހަކަތަކައިގެން ކުރިއަށްދާން، އަޅުގަނޑުމެންނަކީ ބޮޑަތި ކުދިން، އަޅުގަނޑުމެން ބޮޑާ ނުހާކާނަން،" ހާމިދު ވިދާޅުވި އެވެ.
ޕާޓީތަކުން މަޝްވަރާތަށް ވެލާނާގެއިން ބަޑޮހާ ހިސާބަށް އައިރު ހައްލު ކުރަން ޖެހޭ ގިނަ މައްސަލަތަކެއް ހުރީއިރު މި ހަފްތާ ތެރޭ ވަނީ އުސްފަސްގަނޑުގެ މައްސަލަ ބޮޑުވެ އެމްޑީޕީއާ ސަރުކާރާ ދެމެދު މައްސަލަ ހޫނުވެފަ އެވެ. އަދި އިންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދު ނަންފުޅެއް ފޮނުވާފައި ވަނިކޮށް އެނަން އާންމުކުރި މައްސަލަވެސް ވަނީ ގޯސްވެފަ އެވެ. އެ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް ވާހަތަކުގެ މީޑިއޭޝަން އެކްސްޕާޓް، ޕިއޭ އީވް މޮނެޓް ހަމަޖެހިލުމަށް ފަހު ވިދާޅުވީ އެންމެ ވާހަކަ އެކެވެ؛ "މިހުރީ އުންމީދުތަކުން ފުރިފައި، ފުރިފައި ހުރީ ހުސްއުންމީދުތައް."