13 Feb 2024, 19:23
އަންނަ ރަމަޟާން މަހަށް ނިންމަން އަމާޒު ހިފައި، ހުކުރު ދުވަހު ފައިލޭރިއާ ސްކްރީނިން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، ހުކުރު ދުވަހު މާލޭގެ އިތުރުން ބައެއް އަތޮޅުތަކުގައި ވެސް ފައިލޭރިއާއަށް ޓެސްޓު ކުރަން ފަށާނެކަމަށެވެ. ޓެސްޓު ކުރާނީ 18 އަހަރުން މަތީގެ ދިވެހީންނާއި ބިދޭސީން ކަމަށް އެ އެޖެންސީން ބުންޏެވެ.
އެގޮތުން ސްކްރީނިން ކުރިއަށް ގެންދާނީ ހޮވާލެވޭ ވަކި ރަށްރަށާއި ރިސޯޓުތަކުގައި ކަނޑައެޅޭ ވަކި ވަރަކަށް މީހުން ބައިވެރި ކޮށްގެންނެވެ. ސްކްރީނިން ކުރިއަށް ގެންދަން ހޮވޭ ގޭގޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެން ޓެސްޓު ކުރާނެއެވެ. މާލޭގައި ނަމަ ޓެސްޓު ކުރުން އާންމު ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މި ބައްޔަށް ޓެސްޓުކުރަން ބޭނުން ކުރާނީ ރެޕިޑް އެންޓިޖަން ކިޓެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޕްރީ ކޮލިފައި ކޮށްފައިވާ މި ކިޓުން ލޭ ނަގައިގެން ވަގުތުން ޓެސްޓު ކުރާނެއެވެ. މި ޓެސްޓުގެ ނަތީޖާ ލިބޭނީ 10 މިނިޓާއި 15 މިނިޓާ ދޭތެރޭގެ ވަގުތެއްގައެވެ.
ޓެސްޓުގެ ނަތީޖާ ނެގެޓިން ވެއްޖެ ނަމަ އިތުރު އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އިންވެލިޑް ނުވަތަ ޔަގީން ނުވާ ނަތީޖާއެއް ލިބިއްޖެ ނަމަ، ދެވަނަ ފަހަރަށް ޓެސްޓު ކުރަން ޖެހޭނެއެވެ. އަދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ އެޗްޕީއޭގެ އިރުޝާދުގެ ދަށުން ބޭސްކާން ޖެހޭނެއެވެ.
ފައިލޭރިއާއަށް ޓެސްޓު ކޮށްފައިވާ މީހެއް ނަމަ ޓެސްޓު ކުރިކަން އަންގާ ކާޑެއް ލިބޭނެއެވެ. މި ކާޑުގައި އެމީހެއްގެ ނަތީޖާ ލިޔެވިފައި އޮންނާނެއެވެ.
މި ސްކްރީނިންއިން އެއްކުރެވޭ މައުލޫމާތު ލިބޭނީ ހަމަ އެކަނި އެޗްޕީއޭގެ ޑާޓާ ޓީމަށެވެ. ސްކްރީނިންގެ ނަތީޖާ އިއުލާނު ކުރާނީ މުޅި ޕްރޮގްރާމް ނިމުމުން ހުރިހާ ޑާޓާއެއް އެނަލައިޒް ކުރުމަށް ފަހުއެވެ. އަދި ނަތީޖާއަށް ބަލައި، ބަލި ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅެއް އަޅަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް ފުރަތަމަ ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ 14ގައި ކުޅުދުއްފުށި ސިޓީންނެވެ. އެއީ އެ ސިޓީގައި ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތު ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންތަކެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމުތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.