31 May 2012, 17:55
މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިންތައް ބޭނުންކުރަމުން ދަނީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތާ ހިލާފަށް ކަމަށާއި އެތަންތަނުގައި އިމާރާތްތައް ކުރުމަށް ދޫކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ ހުސްބިންތައް ބޭނުންކުރުމަށް ހައުސިން މިނިސްޓްރީ އިން ނިންމާފައިވާ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާުތު ދެއްވުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ ބައެއް ބިންތަކާ މެދު ކައުންިސލްގެ މެމްބަރުންނާ އެކު މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ބިންތައް ގަވައިދާ ހިލާފަށް ބޭނުން ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީއާ އެކު ބޭއްވެވި ބައެއް ބައްދަލުވުންތަކުގައި އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވި ތަންތަނަކީ މަޖީދީމަގުން މާފަންނުގައި ހުންނަ ބޮނޑިބަތް ޕާކާއި ސޮލާހުއްދީން މިސްކިތާ ޖެހިގެން އޮތް ޕާކް އަދި އުސް ފަސްގަނޑެވެ.
މަޖީދީމަގައި ހުންނަ ސޯސަން ސްޓޯރް ކުރިމަތިން އޮންނަ "ބޮނޑިބަތް ޕާކް"ކިޔާ ޕާކުގައި ކެފޭއެއް ހަދަމުން ދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ބިން ސިޓީ ކައުންސިލާ ހަވާލުކުރި އިރު ސިޓީކައުންސިލާއި ހައުސިން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ސޯސަން ސްޓޯރް ކުރިމަތިން އެ އޮންނަ ކުޑަ ޕާކް ކޮޅު، ހަވާލުކޮށްފައި ވާނީ ގަސް އިންދާފައި އޮންނަ ޕާކެއްގެ ގޮތުގައި ބާއްވަން. އެހެން ނަމަވެސް އެތަނުގައި ވެސް މިހާރު އެދަނީ ދެބުރިއަށް ކެފޭއެއް ހަދަމުން. ގިނަ ގަސްތައް ވެސް މިހާރު ކޮށާލާފައި،" މުއިއްޒު ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ ދެ ވަނަ ބިމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ސޮލާހުއްދީން މިސްކިތް ކައިރި އޮންނަ ޕާކެވެ. އެ ދެ ޕާކް ވެސް އަމިއްލަ ފަރާތްތަކަށް ދޫކޮށް، އެތަންތާނގައި އިމާރާތްތައް ހަދަމުން އެދަނީ އެއްބަސްވުމާ ގާނޫނާ ގަވައިދާ ހިލާފަށް ކަމަށެވެ. ނަމަވެސް އެތަންތަނަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުންވާ ގޮތަކަށް އަމަލު ކުރަން އަދި ގަސްދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަށުކައުންސިލްތަކާ ވެސް ބިންތައް ހަވާލުކުރަން މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ބިންތައް ވަރަށް އަވަހަށް ހަވާލުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.