31 May 2012, 17:25
އެމްޑީޕީގައި ތިބި ނުފޫޒު ގަދަ ބައެއްގެ ސަބަބުން ލީޑާޝިޕުން ދުކުރުކޮށްފައިވާތީވެ، ޕާޓީ ވަކިވެވަޑައިގެން އެހެން ޕާޓީއަކާ އަންނަ ހަފްތާގައި ގުޅިވަޑައިގަންނަވާނެ ކަމަށާއި އެ ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓް ވެރިކަމަށް ގެންނާނެ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
~
އެމްޑީޕީގެ ލީޑާޝިޕުން ދުރުކޮށްފައިވާ ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި އަލްހާން ފަހުމީ އާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޝާހު އެމްޑީޕީ ދޫކުރައްވަން ނިންމަވާފައިވާ ކަން މީޑީޔާގައި އިއުލާން ކުރުމަށް މިއަދު ނަލަހިޔާ ހޮޓެލްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ތިން ބޭފުޅުން ވެސް ވަނީ އެމްޑީޕީގެ ލީޑާޝިޕަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފަ އެވެ. އަދި އެމްޑީޕީން ފަށާފައިވާ އިންސާފުގެ ދަތުރުގެ މާލިމީ އަކަށް ހުންނެވި ރައީސް ނަޝީދުގެ "ރޫހާނީ ލީޑާރު" ކަމުގައި "އެ އޮޑި ފެތޭނެ" ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބު ނަޝީދަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތަކެއް ރައްދުކުރެއްވި އެވެ.
ނަމަވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެ ބޭފުޅުން ގުޅިވަޑައިގަންނަވާ ޕާޓީ ހާމަކުރެއްވުމަށް ދެކޮޅު ހެއްދެވި އެވެ. "މަގޭ ޕާޓީއޭ ނުބުނާ ތަނެއްގައި އަޅުގަނޑުމެން ތިބޭނީ. މީހެއްގެ ޕާޓީ އަކަށް އަޅުގަނޑުމެން ނުދާނަން. މެންބަރުންގެ ރައްޔިތުންގެ އުސޫލާ އެއްގޮތަށް ހިނގާ ޕާޓީއަކަށް ދާނީ. އަޅުގަނޑުމެން މިތިބީ ނިންމައިގެން އަޅުގަނޑުމެން ތިން މީހުން [ޑީޑީ އަލްހާން ޝާހު] ދާތާކަށް ދާން. އެއީ އަޅުގަނޑުމެން ތިން މީހުން އެކީގައި ވިއްޔާ ބޭރުކޮށްލީ ވެސް،" އަލްހާން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ އެ ބޭފުޅުން ވަރަށް އަވަހަށް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށާއި ޑީޑީ އާއި އަލްހާނަށް ލީޑާޝިޕުން ފުރުސަތު ދިނުމަށް އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެބޭފުޅުން ގުޅިވަޑައިގަންނަވާނެ ޕާޓީއަކީ ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާނެ ޕާޓީއަކަށް ވާނެ ކަމަށާއި އެއީ ރައްޔިތުން ގަބޫލު ކުރާނެ ސިޔާސަތުތަކާ އެކު މެނިފެސްޓޯއެއް ހިފައިގެން ނުކުންނާނެ ޕާޓީއެއް ކަމަށެވެ. އަދި އެފަދަ ސިޔާސަތުތަކާ އެކު އެ ޕާޓީގެ ކެންޑިޑޭޓް ވެރިކަމަށް އަންނާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ދެ ފިކުރެއް ނެތް ކަމަށާއި ރާއްޖޭގައި ތިބީ "ބޮޑު ދެ މީހުން" ކަމަށެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެ ދެ ބޭފުޅުން ވެސް ވެރިކަމުގައި ކަންތައް ކުރެއްވި ގޮތުން މިއަދު އެބޭފުޅުންގެ ވެރިކަމެއް ނެތް ކަމަށެވެ.
"ބުނާނެ އަލްހާނާއި ޑީޑީއާތީ ކޮންބައެއް ހެއްޔޭ؟ އައްޑޫ މީހުންނޭ؟ ތިޔަ މީހުންނަށް ނުވާނެ އެއްކަމެއް ވެސް. އެކަމަކު އެހެނެއް ނޫން އިރާދަކުރެއްވިއްޔާކާ ވާނީކީ. އަޅުގަނޑުމެން މިގައުމަށް ގެންނަން ޖެހޭ ބަދަލު ގެންނާނަން. އަދި ކެނެރީގެ މުހައްމަދު ނަޝީދާއި ކިނބިގަސްދޮށުގޭ މައުމޫން އަބްދުލް ގައްޔޫމު އަލުން އަނބުރާ މިރާއްޖޭގެ ވެރިކަމަށް އަޔަނުދިނުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން،" އަލްހާން މިއަދު ވިދާޅުވި އެވެ.